ހާޝިމްގެ ކެމްޕެއިން އޮފީސް ހުޅުވައިފި

މުޙައްމަދު އަކުރަމް

ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި އިހަވަންދޫ ދާއިރާގެ ޓިކެޓަށް ވާދަކުރައްވާ، ހާޝިމް މުހައްމަދުގެ ކެމްޕެއިން އޮފީސް ހުޅުވައިފިއެވެ.

ކުރިން ހޯމް ހަލެކްޝަން ފިހާރަ ހިންގި އިމާރާތުގެ މަތީ ބުރީގައި ހުންނަ ހާޝިމްގެ ކެމްޕެއިން އޮފީސް ހުޅުވީ މިރޭ އޮތް ރަސްމިއްޔާތެއްގައެވެ. އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހާޝިމް ވިދާޅުވީ ކޮމްޕެއިން އޮފީސް ހުޅުމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތް ކުރުމާއި ރައްޔިތުންގެ އިހްސާސްތަކާއި ޝުޢޫރުތައް ވީހާވެސް ގާތުން އަޑުއެހުން ކަމުގައެވެ.

ހާޝީމްގެ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހުގެރޭ ، ނުރާނީގޭގައި ހާޝިމްގެ ކެމްޕޭނަށް ތައްޔާރުކޮށްފައިވާ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުންނެވެ. ހާޝިމްގެ އިތުރުން ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި އިހަވަންދޫ ދާއިރާގެ ޓިކެޓަށް ވާދަކުރަނީ، ކުރީގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ އިތުރުން ޕީޕީއެމް ޕީއެންސީ އިހަވަންދޫ ދާއިރާގެ ރައީސް އަހްމަދު ނަސީރުއެވެ.