"މާލެއާއި އެއް އަގެއްގައި ތާޒާ ފެން އިހަވަންދޫ ދާއިރާގެ ރައްޔިތުންނަށް ރަށުން ލިބޭނެގޮތް ކަށަވަރު ކޮށްދޭނަން" ނަސީރު

މުޙައްމަދު އަކުރަމް

މާލެއާއި އެއް އަގެއްގައި  ތާޒާ ފެން އިހަވަންދޫ ދާއިރާގެ  ރައްޔިތުންނަށް ރަށުން ލިބޭނެގޮތް ކަށަވަރު ކޮށްދޭނެކަމަށް އަޙްމަދު ނަސީރު ވައުދުވެއްޖެއެވެ. ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި އިހަވަންދޫ ދާއިރާގެ ޓިކެޓަށް ވާދަކުރައްވާ، އަހްމަދު ނަސީރު މިވަދު ވެލެއްވީ، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީނާއި ބައްދަލުކުރައްވާ ފޮޓޮއެއް އާންމު ކުރައްވަމުންނެވެ.

ނަސީރު މިނޫހަށް މައުލޫމާތު ދެއްވިގޮތުގައި، އެއީ އެބޭފުޅާގެ ވައުދެއްކަމަށާ އެކަމަށް މަޝްވަރާކުރަންޖެހޭ ފަރާތްތަކާއި އެކު މަޝަވަރާކޮށް އެމަގަށް ކުރަންޖެހޭ މަސައްކަތް މިހާރު ދަނީ ކުރިޔަށެވެ. އަހްމަދު ނަސީރަކީ ޕީޕީއެމް ޕީއެންސީ އިހަވަންދޫ ދާއިރާގެ ރައީސްއެވެ. ނަސީރުގެ އިތުރުން ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި އިހަވަންދޫ ދާއިރާގެ ޓިކެޓަށް ވާދަކުރަނީ، ކުރީގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަދި ހާޝިމް މުހައްމަދުއެވެ.

ތާޒާ ފެން އުފައްދަނީ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައިބީއެމް) އިންނެވެ. އައިބީއެމް އަކީ އެމް.ޑަބްލިއު.އެސް.ސީ އާއި ޗަމްޕާ ބްރަދާސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ވެންޗަރ ކުންފުންޏެކެވެ.  އައިބީއެމް އިން ތާޒާ ފެންފުޅި 500 އެމް.އެލް، 1.5 ލިޓަރ އަދި 5 ލިޓަރު ފުޅީގައި ބަންދުކޮށްގެން ވިއްކައެވެ.