މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރި މަސްރޭސް މިއަދު ބާއްވަނީ!

މުޙައްމަދު އަކުރަމް

މަސްވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި އިހަވަންދޫ ގައި ފާހަގަ ކުރުމަށް ހއ. އިހަވަންދޫ ކައުންސިލާއި، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާ ގުޅިގެން ކުރިޔަށްގެންދާ ހަރަކާތް ތަކުގައި ހިމެނޭ މަސްރޭސް މިއަދު މެންދުރުފަހު 14:00 ގައި ފެށޭނެއެވެ. މިހަރަކާތަކީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހު ކުރިޔަށް ގެންދިއުމަށް ރޭވި ހަރަކާތެކެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެހަރަކާތް ކުރިޔަށް ނުގެންދެވުނީއެވެ.

މަސްރޭހުގައި 4 ރަށަކުން 13 ޓީމެއް ބައިވެރިވެފައިވެއެވެ. އެއީ އިހަވަންދޫ ސްކޫލް، އިހަވަންދޫ ކައުންސިލް، އިހަވަންދޫ ޕޮލިސް ސްޓޭޝަން، އާރުޑީސީ އިހަވަންދޫ ސައިޓް، ފެނަކަ އިހަވަންދޫ ބްރާންޗް، އިހަވަންދޫ މެޖިސްޓްރޭޓް ކޯޓް، އާމިނާދިޔޯ ސިއްޙީމަރުކަޒު، އިހަވަންދޫ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ކްލަބް ޕޯލްސްޓަރ، މަސްވެރި އިހަވަންދޫ، އުލިގަމް ކައުންސިލް، ފިއްލަދޫ ކައުންސިލް އަދި އުތީމް ކައުންސިލެވެ. ނަމަވެސް މީގެތެރެއިން ބައެއް ޓީމްތަކުން މިމުބާރާތުގައި ބައިވެރިނުވާނެކަމަށް މައުލޫމާތު ލިބެއެވެ.

މިމުބާރާތުގެ އެއްވަނަ ޓީމަށް 10 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ދެވަނަ ޓީމަށް 5 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން އެންމެގިނައިން މަސް ބާނާ ފަރާތަށް 1000ރ އަދި އެންމެ ބަރުމަސް ބާނާފަރާތަށް 1000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.