ފަހުގެ ތާރީހެއްގައި އިހަވަންދޫގައި ފުރަތަމަ ފަހަރަށް ބޭއްވޭ ބޮޑުބެރު މުބާރާތް ކަމަށްވާ ހއ. އަތޮޅު ކައުންސިލް އިމަގު ރަސްބެރު ޗެލެންޖް 2012 ފެށިގެން ކުރިއަށް އެބަދެއެވެ. މިދިޔަ ހުކުރު ދުވަހުގެރޭ އިހަވަންދޫ އޯޕަން ސްޓޭޖްގައި ފެށިގެން ކުރިއަށްދާ އިމަގު ރަސްބެރު ޗެލެންޖުގައި ގަދައާރު ޓީމާއި ދަންބެރު ޓީމާއި އޭވީ ބެރުފަޅާ ޓީމުގެ އިތުރުން ކަސަބު ޓީމާއެކު ޖުމްލަ 4 ޓީމަކުން ބައިވެރި ވެފައި ވެއެވެ. ކަސަބު ޓީމަކީ ދެޖިންސަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި ވާދަކުރާ ހަމައެކަނި އަންހެން ޓީމެވެ.
ތިން ބުރަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގެ ފުރަތަމަ ބުރު (ފައްސިޔަ ބުރު) ގައި ކޮންމެ ޓީމަކުންވެސް ތިން ލަވަ ހުށައަޅަން ޖެހެއެވެ. މުބާރާތުގެ ދެވަނަ ބުރުކަމަށްވާ ނިމިދާ ބުރަށް ހޮވޭނީ ފުރަތަމަ ބުރުން އެންމެ މޮޅު ތިން ޓީމެވެ. ދެވަނަ ބުރުގައި ކޮންމެ ޓީމަކުންވެސް ބަބުރު ލަވަ އަކާއި ތިންބެރުލަވަ/ކާސިމަޖާ/ނަލަ (ގްރޫޕުން ބޭނުންވާ އެއްވައްތަރެއް) ލަވައަކާއި ޒަމާނީ ބޮޑުބެރުލަވައެއް ހުށައަޅާދޭން ޖެހެއެވެ. މުބާރާތުގެ ތިންވަނަ ބުރަށް (ބަދަވި ބުރަށް) ހޮވޭނީ ދެވަނަ ބުރުގައި އެންމެ ރަނގަޅަށް ހުށައަޅައިދިން ދެޓީމެވެ. ބަދަވި ބުރުގައި ރަށުން ބޭރުގަ އާއި ރަށުގައި ލަވަ ހުށައަޅާދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ހއ. އަތޮޅު ކައުންސިލް އިމަގު ރަސްބެރު ޗެލެންޖް 2012 ގެ ފަނޑިޔާރުން
ބޮޑުބެރަކީ ދިވެހި ސަޤާފީ ކުޅިވަރުތަކުގެ ތެރެއިން އެންމެ ގިނަ ދިވެހިން އަދިވެސް ޝައުޤުވެރިކަމާއެކު ކުޅެމުންދާ ކުޅިވަރަށްވެފައި ޒަމާނުއްސުރެ މިކުޅިވަރު ކުޅެމުން އައިސްފައިވާގޮތާއި ޒަމާނީ ތަރައްޤީއާއެކު މިކުޅިވަރަށް އަންނަމުންދާ ބަދަލުތައް، ދެމެހެއްޓެނިވި ގޮތެއްގައި އިހަވަންދޫގެ އަންނަން އޮތް ޖީލުތަކަށް ވާޞިލްކޮށްދިނުމަށާއިބޮޑުބެރުގެ އަޑަކީ ޤައުމުގެ ޘަޤާފީ އަޑު އަދި ދިވެހި ރަށްތަކުގެ ވިނަރެސް ފެންނަހިނދު، ދިވެހި އަޑުގެ ގޮތުގައި އިއްވާލުން އެންމެ އެކަށީގެންވާ އަޑު ކަމަށްވުމާއި، ބޮޑުބެރަކީ މުޖުތަމަޢުގެ އިޖްތިމާއީ އެއްބައިވަންތަކަމުގެ ރޫޙު އިތުރުކޮށްދޭ ޘަޤާފީ ކުޅިވަރުކަމަށްވުމާއެކު، ބޮޑުބެރު ޖެހުމަށް ޒުވާނުން ޝައުޤުވެރިކުރުވުމާއި ބޮޑުބެރު ޖެހުމުގެ ހުނަރާއި އޭގެ ރަނގަޅުގޮތްތައް ޒުވާނުންގެ މެދުގައި ދިރުވާ އާލާކުރުމުގެ މަޤުސަދުގައި އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މިމުބާރާތުގެ ފައިނަލް އޮންނާނީ 23 ނޮވެމްބަރ 2012 ވާ ހުކުރު ދުވަހުގެރޭ ކަމަށް އިމަގުން މައުލޫމާތު ދެއެވެ.