މަސްރޭހުން އެއްވަނަ ހޯދީ މަސްވެރި އިހަވަންދޫ

މުޙައްމަދު އަކުރަމް

މަސްވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި އިހަވަންދޫ ގައި ފާހަގަ ކުރުމަށް ހއ. އިހަވަންދޫ ކައުންސިލާއި، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާ ގުޅިގެން ކުރިޔަށްގެންދިޔަ މަސްރޭހުން މަސްވެރި އިހަވަންދޫ އެއްވަނަ ހޯދައިފިއެވެ.

މަސްވެރި އިހަވަންދޫ، މަސްރޭހުގެ އެއްވަނަ ހޯދީ 71.64 ކިލޯ މަސްބާނައިގެންނެވެ. މަސްރޭހުން ދެވަނައަށް ދިޔައީ ހިޔާ ފައުންޑޭޝަނެވެ. އެޓީމްވަނީ 68.06 ކިލޯގެ މަސް ބާނާފައެވެ. އެންމެ ގިނަ މަސްވާނާފައިވަނީ ހިޔާ ފައުންޑޭޝަން ޓީމްގެ އަޙްމަދު އާތިފްއެވެ. އާތިފްވަނީ 37 މަސް ބާނާފައެވެ. އެންމެ ބަރުމަސް ބާނާފައިވަނީ މަސްވެރި އިހަވަންދޫ ޓީމްގެ އާލިފްއެވެ. އޭނާ ބޭނި ރަތްމަހުގެ ބަރުދަނުގައި 5.42 ކިލޯ ހުއްޓެވެ.

މިމުބާރާތުގެ އެއްވަނަ ޓީމަށް 10 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު ދެވަނަ ޓީމަށް 5 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. މީގެ އިތުރުން އެންމެގިނައިން މަސް ބޭނި ފަރާތަށް 1000ރ އަދި އެންމެ ބަރުމަސް ބޭނިފަރާތަށް 1000ރ ގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.

އެހެން ޓީމްތަކުން ބާނާފައިވާ މަހުގެ ބަރުދަން:
އިހަވަންދޫ ޕޮލިސްޓޭޝަން: 32.40 ކިލޯ
އިހަވަންދޫ ސްކޫލް: 20.84 ކިލޯ
އާރުޑީސީ: 23.38 ކިލޯ
ފެނަކަ އިހަވަންދޫ ބްރާންޗް: 40.56 ކިލޯ
އިހަވަންދޫ ކޯޓް: 18.38 ކިލޯ
އިހަވަންދޫ ކައުންސިލް: 62.9 ކިލޯ
އިހަވަންދޫ ބިޒްނަސް ސެންޓަރ: 8.68 ކިލޯ

މިއަދު ބޭއްވި މަސްރޭހުގެ އިތުރުން 2023 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް އިހަވަންދޫގައި ވަނީ މަސްވެރި އާއިލީ ހަވީރަކާއި މަސްވެރިކަމަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން  ޖަލްސާއެއްބާއްވާފައެވެ. އަތޮޅު ފެންވަރުގައި މަސްވެރިންގެ ދުވަސް އިހަވަންދޫގައި ފާހަގަކުރީ، “މަސްވެރިންގެ ދުވަސް 2023 ” އަތޮޅު ފެންވަރުގައި ފާހަގަކުރާނެ ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހއ އަތޮޅު ކައުންސިލުން ހުޅުވައިލުމުން، އިހަވަންދޫ ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލަށް ރިޔާއަތްކޮށެވެ.