ޕްރައިމަރީއިން ބަލިވިއަސް ޕާޓީ ދޫކޮށްލާފައި ނުދާނަން – ހާޝިމް

މުޙައްމަދު އަކުރަމް

ޕްރައިމަރީއިން ބަލިވިނަމަވެސް ޕާޓީ ދޫކޮށްލާފައި ނުދާނެކަމަށް، ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި އިހަވަންދޫ ދާއިރާގެ ޓިކެޓަށް ވާދަކުރައްވާ، ހާޝިމް މުހައްމަދު ބުނެފިއެވެ. ހާޝިމް މިހެންބުނީ މިމަހުގެ 1 ވަނަ ދުވަހުގެ ރޭ، ހާޝިމްގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.

“އަޅުގަނޑު މިދާއިރާއަށް އިރާދަކުރައްވައިގެން ހޮވިއްޖެ ކަމަށްވަނީނަމަ، އަޅުގަނޑު މިޕާޓީ ދޫކޮށްލާފަ ނުދާނެ، އަދި ޕްރައިމަރީއިން ބަލިވިކަމުގައިވީނަމަވެސް، އަޅުގަނޑު މިޕާޓީ ދޫކޮށްލާފަކާއެއް ނުއެއްދާނަން، ޕްރައިމަރީއިން މޮޅުވާ ބޭފުޅެއްގެ ފަހަތުގަ އަޅުގަނޑު ހުންނާނެ، އަޅުގަނޑު ދާނީ ހަމަ ޕާޓީއާއެކު ކުރިޔަށް” ހާޝިމް ބުންޏެވެ. ހާޝިމް ފާހަގަކުރި ގޮތުގައި މާޒީގައި ކަން ހިނގާފައިވާގޮތުން ވަރަށްބޮޑަށް އިތުބާރު ގެއްލިފައިވާކަމަށެވެ. “ހަޤީގަތުގައި މިއަދު އިތުބާރު ކުރެވޭ ފަރާތްތަކެއް މިއަދު ނެތް. ސަބަބަކީ މާޒީ އަޅުގަނޑުމެންނަށް ބުނެދިނީ އެހަޤީގަތް ކަމަށްވާތީ” ހާޝިމްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ނަމަވެސް އޭނާ ހުރިހާ ބޭފުޅުންނަށްވެސް ދޭނެ ޔަޤީންކަމަކީ ދެގޮތެއްނުވެ ހިދުމަތްކުރުންމަތީ ދެމިހުރުންކަމަށް އޭނާ ބުންޏެވެ.

ހާޝީމްގެ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ މިދިޔަމަހުގެ 14 ވަނަ ދުވަހުގެރޭ ، ނުރާނީގޭގައި ހާޝިމްގެ ކެމްޕޭނަށް ތައްޔާރުކޮށްފައިވާ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުންނެވެ. ހާޝިމްގެ އިތުރުން ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި އިހަވަންދޫ ދާއިރާގެ ޓިކެޓަށް ވާދަކުރަނީ، ކުރީގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ އިތުރުން ޕީޕީއެމް ޕީއެންސީ އިހަވަންދޫ ދާއިރާގެ ރައީސް އަހްމަދު ނަސީރުއެވެ.