ޣާޒީ ކަޕްގެ އިނާމު 15،000ރ އަށް ބޮޑުކޮށް، ފެބުރުއަރީ 9 ގައި ފަށަނީ

މުޙައްމަދު އަކުރަމް

އިމަގު ޣާޒީ ކަޕް 2024 އަންނަ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހު ފަށާނެކަމަށް، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ހާމަކޮށްފިއެވެ. އިމަގުން ހާމަކޮށްފައިވާ ގޮތުގައި މިމުބާރާތުގައި ބައިވެރިވާ ޓީމްތަކުން މިމަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ ރޭ 22:00 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭއިރު، ޓީމް ލިސްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޙަކީ ފެބުރުއަރީ މަހުގެ 2 ވާ ހުކުރު ދުވަހުގެ ރޭ 22:00 އެވެ.

މިއީ އިމަގުން ޣާޒީ ކަޕް ބާއްވާ 2 ވަނަ ފަހަރެވެ. މިދިޔަ އަހަރު ބޭއްވި ޣާޒީ ކަޕްގެ ޗެމްޕިއަން ޓީމަކީ ޖަންގަލްއެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އެންވީކޭގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިއަހަރުގެ ޣާޒީ ކަޕްގެ ފައިސާގެ އިނާމު ވަނީ ބޮޑުކޮށްފައެވެ. މިދިޔައަރުގެ  ޗެމްޕިއަން ޓީމަށް 10،000ރ ދިންއިރު މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އަދި 2 ވަނައަށް ދާ ޓީމަކަށް 5000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.

އިމަގު ޣާޒީ ކަޕަކީ އިހަވަންދޫގައި ކުރިޔަށް ގެންދާ ހަމައެކަނި އިލަވަން ސައިޑް ފުޓްބޯޅަ މުބާރާތެވެ. މިމުބާރާތަކީ އިހަވަންދޫގައި ފުޓްބޯޅަކުޅޭ ޓިމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މުބާރާތެކެވެ.