ހުޅުވިތާ 6 މަސް ނުވާ، ކޮމިއުނިޓީ ސެންޓަރަށް ފެންވަދެ ގެއްލުންވެއްޖެ!

މުޙައްމަދު އަކުރަމް

މިއަދިޔަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު ހުޅުވި އިހަވަންދޫ ކޮމިއުނިޓީ ސެންޓަރު ހުޅުވިތާ 6 މަސް ނުވަނީސް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ކޮމިއުނިޓީ ސެންޓަރަށް އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ، ސެންޓަރުގެ ތެރެއަށް ފެން ލީކުވުމުގެ ސަބަބުންނެވެ. އެގޮތުން ލިބިފައިވާ ގެއްލުމުގެ ތެރޭގައި ކޮމިއުނިޓީ ސެންޓަރުގެ ސީލިންގުގެ އެކިހިސާބުތަކަށް ފެނުގެ އަސަރުކޮށް ގެއްލުންވުމާއި ފެނުގެ އަސަރުކުރުމުގެ ސަބަބުން އެތެރޭގައި ޖަހާފައިވާ ޕުޓީ ނެއްޓި ފާރާއި ވަކިވެފައިވުން ހިމެނެއެވެ. މީގެއިތުރުން އިމާރާތުގެ އެކި ހިސާބުތަކުގައި ރެނދު ލާފައިވާކަންވެސް ފާހަގަކުރެވެއެވެ.

ކޮމިއުނިޓީ ސެންޓަރުގެ ހާލަތާއިމެދު ސުވާލުކުރުމުން، އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސަބާޙް ވިދާޅުވީ، މިނިސްޓްރީއިން (ޔޫތް މިނިސްޓްރީއިން) ހުރި މަރާމާތުތައް ބެލުމަށް އަންގާފައިވާކަމުގައެވެ. ސޮބާޙް އިތުރަށް ވިދާޅުވީ، ކައުންސިލާއި ސެންޓަރު ހަވާލުވިއިރު ހުރި މަރާމާތުގެ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމުގައެވެ.

އިހަވަންދޫ އިޖްތިމާއީ މަރުކަޒު ހުޅުއްވައި ދެއްވީ ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލީހް އިހަވަންދޫއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި 19 ޖުލައި 2023 ގައެވެ. ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ  ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. ޔޫތް މިނިސްޓްރީއިން ކުރިން މިނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، ދިންގޮތުގައި އިހަވަންދޫގައި އިމާރާތްކޮށްފައިވާ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް  ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 4769741.15 (ހަތަރު މިލިއަން ހަތްސަތޭކަ އޮނަފަންސާސްހާސް ހަތްސަތޭކަ އެކާޅީސް ރުފިޔާ ފަނަރަ ލާރި) އަށެވެ.

ކޮމިއުނިޓީ ސެންޓަރު އިމާރާތް ކުރަމުން ދިޔައިރުވެސް، އަދި އިމާރާތްކޮށް ނިމުނު ފަހުންވެސް، އެތަން އިމާރާތްކުރުމުގެ ފެންވަރު ދަށްކަމަށާއި ތަނުގެ ޑިޒައިން ކަމުނުދާކަމަށްބުނެ އިހަވަންދޫ ކައުންސިލް މެމްބަރު އަޙްމަދު ރިޟްވާން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.