އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް މާދަމާ، ކަރަންޓް ކަނޑަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ކަރަންޓްގެ ނިޒާމުގެ އަޕްގްރޭޑިންގ މަސައްކަތެއް ކުރުމަށްޓަކައި މާދަމާ (13 ޖެނުއަރީ 2024 ވާ ހޮނިހިރުދުވަހު) ކަރަންޓް ކެނޑުމަށް ހަމަޖެހިފައިވާކަމަށް ފެނަކަ އިހަވަންދޫ ބްރާންޗްއިން ހާމަކޮށްފިއެވެ. މިކަމާއިގުޅިގެން ފެނަކަ އިހަވަންދޫ ބްރާންޗުން ކޮށްފައިވާ އިޢުލާނުގައިވަނީ އަޕްގްރޭޑިންގ މަސައްކަތް ކުރިޔަށްދާ ވަގުތު މެންދުރުފަހު 13:00 އިން 14:00 އަށް މުޅި ރަށުން ، އަދި 14:00 އިން ފެށިގެން 17:00 އަށް ރަށުގެ ހުޅަނގުފަރާތު މެދުތެރޭ ސަރަހައްދުގެ ބަޔަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމުގައެވެ.

ފެނަކައިން ހާމަކޮށްފައިވާގޮތުގައި މާދަމާ ކުރިޔަށް ގެންދާ މަސައްކަތަކީ ޑިސްޓްރިބިއުޝަން ފޮށިތައް އައު ނެޓްވޯކް މެދުވެރިކޮށް ރަށުގެ އެކި ސަރަހައްދުގައި ބެހައްޓާފައިވާ ޓްރާންސް ފޯމަރު ޑައުން ޔުނިޓްތަކަށް ގުޅުމާއި، ކޮންޓްރޯލް ޕެނަލްގެ ޓެކްނިކަލް މަސައްކަތެއް ކުރުންކަމުގައެވެ.

އިހަވަންދޫގެ ވޯލްޓޭޖް ޑްރޮޕްވާ މައްސަލަ ހައްލުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ރަށުގެ 3 ސަރަހައްދެއްގައި ޓްރާންސްފޯމަރުތައް ބަހައްޓައިނިމި  ޕަވަރހައުސްގެ އައު ކޮންޓްރޯލް ޕެނަލް މިހާރުވަނީ އިންސްޓޯލް ކޮށްފައެވެ. މިހާރުކުރިޔަށްދަނީ ޓްރަންސްފޯމަރުތައް ޑިސްޓްރިބިއުޝަން ފޮށިތަކާއި ގުޅުމުގެ މަސައްކަތެވެ.