ދަނޑުގެ ލައިޓްގެ މައްސަލާގައި ވަޒީރާ ސުވާލުކުރަން ފޮނުވުމާއިއެކު ލައިޓް ޖެހުމުގެ އަމަލީ މަސައްކަތް ފަށައިފި

މުޙައްމަދު އަކުރަމް

ނިމިދިޔަ ސަރުކާރުން ޒަމާނީ ފެންވަރަށް އިހަވަންދޫގައި ތަރައްޤީ ކޮށްފައިވާ ޣާޒީ ދަނޑުގައި ހަރުކޮށްފައިހުރި ލައިޓްތައް އަދިވެސް ނުދިއްލާތީ އެމައްސަލާގައި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން، އަބްދުﷲ ރާފިޢުއާ ސުވާލުކުރުމަށް، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުމާއިއެކު، ދަނޑަށް ކަރަންޓްލުމުގެ މަސައްކަތް ފަށައިފިއެވެ.

ވަޒީރާއި ސުވާލުކުރުމުގެ ނޯޓިސް، މެމްބަރު ޝިފާއު ފޮނުވާފައިވަނީ 16 ޖެނުއަރީ 2024 ގައެވެ. މިއަދު 17 ޖަނަވަރީ 2024 ގެ ހެނދުނުވަނީ ދަނޑަށް ކަރަންޓް ގުޅުމުގެ އަމަލީ މަސައްކަތް ފަށާފައެވެ. އެގޮތުން މިހާރު ކުރިޔަށްދަނީ ދަނޑާއި އިންވެގެން އުތުރުކޮޅުގައި ހުރި ޓްރާންސްފޯމަރުން ދަނޑަށް މެއިން ކޭބަލް އެޅުމުގެ މަސައްކަތެވެ. މިމަސައްކަތް ކުރިޔަށްގެންދަނީ މިނިސްޓަރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަނުން ފެނަކައާ ހަވާލުކޮށްގެންނެވެ.

މެމްބަރު ޝިފާއު މިނިސްޓަރާއިކުރަން ހުށަހަޅާފައިވާ ސުވާލުގައިވަނީ، ނިމިދިޔަ ސަރުކާރުން އިހަވަންދޫގައި ޒަމާނީ  ފުޓްބޯޅަދަނޑެއް ތަރައްޤީކުރުމުގެ މަސައްކަތުގެތެރެއިން އިހަވަންދޫ ޣާޒީ ދަނޑުގައި ރަނގަޅު ފެންވަރަކަށް ޓާފްއަޅާ ލައިޓް ޖަހާފައިވާކަމަށާ، ނަމަވެސް މިސަރުކާރަށް ދެ މަސް ވެގެންދިޔައިރުވެސް ދަނޑުގައި ހަރުކޮށްފައިވާ ލައިޓް ނުދިއްލޭކަމީ އިހަވަންދޫގެ ޒުވާނުން ނުހަނު ކަންބޮޑުވެ މާޔޫސްވާ ކަމެއްކަމުގައެވެ. “ވީމާ އިހަވަންދޫ ޣާޒީ ދަނޑުގައި ނިމިދިޔަ ސަރުކާރުން ހަރުކޮށްފައިވާ ލައިޓްތައް ދިއްލާ ބޭނުންކުރަން ފެށޭނީ ކިހާތާކުތޯ؟” މެމްބަރު ޝިފާއު އައްސަވާފައިވެއެވެ.

ޣާޒީ ދަނޑުގައި ލައިޓް ޖަހާފައިވަނީ ތިޙްނާން އިންވެސްޓްމެންޓާއި ހަވާލުކޮށްގެންނެވެ. އެމަސައްކަތް އެކުންފުންޏާ ހަވާލުކުރީ ފެބްރުއަރީ 21، 2023 ގައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެމަސައްކަތުގެ ސްކޯޕްގެ ތެރޭގައި ދަނޑަށް ކަރަންޓް އެޅުމެއްނެތެވެ. އެކުންފުނިން ލައިޓް ހަރުކުރުމުގެ މަސައްކަތް ނިންމައި 2023 ވަނަ އަހަރުގެ ޑިސެމްބަރ 13 އަދި 20 ގައިވެސް އެމަސައްކަތް ނިމިފައިވާކަމަށް، ޕްރޮޖެކްޓް ޕްރޮގްރެސް ރިޕޯޓްގައި ސޮއެކުރުމަށް އިހަވަންދޫ ކައުންސިލަށް ފޮނުވާފައިވެއެވެ.

ޚިޔާލު ފައުޅުކުރުން

ވަޒީރުންނަށް ރުހުން ނުދީ ސުވާލުކުރެވޭ ތަ؟ ސުރުހީ ރަނގަޅުކޮށް ލަށްވީނު