ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި 1796 މީހަކަށް ވޯޓްލެވޭ

މުޙައްމަދު އަކުރަމް

މިމަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީގައި އިހަވަންދޫ ދާއިރާ ހިމެނޭ އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫއިން 1796 މީހަކަށް ވޯޓްލެވޭކަމަށް ކަނޑައަޅައިފިއެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން، ޕްރައިމަރީގައި ވޯޓް ލެވޭމީހުންގެ ލިސްޓް އިޢުލާންކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

މިއިންތިހާބުގައި މޮޅަދޫއިން 90 މީހުންނަށް ވޯޓް ލެވޭއިރު މާރަންދޫއިން 289 މީކަށް އަދި އިހަވަންދޫއިން 1417 މީހަކަށް ވޯޓް ލެވެއެވެ. ވޯޓު ލެވޭ މީހުންގެ ލިސްޓުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާނަމަ، އެމައްސަލައެއް ހުށަހަޅަން ދިންފުރުސަތު އިއްޔަގެ 6:00 އަށް ހަމަވެފައިވާއިރު، ބައެއް ކެނޑިޑޭޓުން ޝަކުވާ ހުށަހަޅާފައިވާކަމަށް މައުލޫމާތުލިބެއެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި އިހަވަންދޫ ދާއިރާގެ ޓިކެޓަށް ވާދަކުރަނީ، ކުރީގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)، މުހައްމަދު ހާޝިމް އަދި ޕީޕީއެމް ޕީއެންސީ އިހަވަންދޫ ދާއިރާގެ ރައީސް އަހްމަދު ނަސީރުއެވެ.