އުތީމް އަތުން ބަލިވެ އިހަވަންދޫއަށް މުބާރާތް ނިމިއްޖެ

މުޙައްމަދު އަކުރަމް

ގޯލްޑެން ފުޓްސަލް ޗެލެންޖު 2024 ގައި ވާދަކުރާ އިހަވަންދޫ ފުޓްސަލް ޓީމް، ހއ އަތޮޅު ބުރުގެ ކުއާޓަރ ފައިނަލްގައި އުތީމްއަތުން ބަލިވުމުން އިހަވަންދޫ ޓީމަށް މުބާރާތް ނިމިއްޖެއެވެ.

ރޭ ހުޅުމާލޭ ރެހެންދި ދެ ނަންބަރު ފުޓްސަލް ދަނޑުގައި ކުޅުނު ކުއާޓާރ ފައިނަލް މެޗުން އިހަވަންދޫ ބަލިވީ  5-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އުތީމު ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އުތީމުން އިތުރު ތިން ގޯލް ޖެހި އިރު  އިހަވަންދޫ އިން ވެސް ވަނީ ދެ ގޯލް ޖަހާފައެވެ.

މިމެޗުގައި އުތީމުގެ ތާހާ މުހައްމަދު ދެ ގޯލް ޖެހިއިރު، އެޓީމުގެ އަހުމަދު އައިހަމް، މުހައްމަދު ނަބީލުގެ އިތުރުން މުހައްމަދު ރިޝްމީ މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ގޯލް ޖަހާފައެވެ. މީގެއިތުރުން މިމެޗުގައި އިހަވަންދޫގެ ޓީމްގެ ހާމިދު އަދި ސާޖިދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ގޯލް ޖަހާފައެވެ. މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އުތީމުގެ އަހުމަދު އައިހަމް އެވެ.

މިދިޔަ އަހަރުގެ މުބާރާތުން އިހަވަންދޫ ވަކިވާންޖެހުނީ ގްރޫޕް ސްޓޭޖުން އެއް ޕޮއިންޓާއި އެކުއެވެ. ވުމާއިއެކު މިއަހަރުގެ މުބާރާތުގައި ނޮކްއައުޓް ބުރަށް ދަތުރުކުރުމަކީ ކުރިއެރުމެއްކަން ފާހަގަވެއެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 129 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތުގައި 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.