މަގުހެދުން ފަށައިގަތުމަށް ބޭނުންވާ ސާމާނު އިހަވަންދޫއަށް ގެނެސްފި

.

ހއ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށްހަދައި ތާރުއެޅުމުގެ މަސައްކަތްފަށައިގަތުމަށް ބޭނުންވާ ތަކެތި އިހަވަންދޫއަށް ގެނެސްފިއެވެ. މިތަކެތިހިފައިގެން ދަތުރުކުރި އުޅަނދު އިހަވަންދޫއަށް ބަނދަރުކޮށްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭބީސީ ފަށަލަ އެޅުމުގެ ކުރިޔަށް ބޭނުންޖެހޭނެ ހުރިހާ ވަސީލަތެއް މިއަދުގެނަ ސާމާނާއިއެކު މިހާރުވަނީ ހަމަވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ފަށާނީ އަމީނީ މަގު ހެދުމުގެ މަސައްކަތެވެ.

އިހަވަންދޫގެ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. އެކުންފުންޏާ އެމަސައްކަތް ހަވާލުކުރީ 2 އޭޕްރިލް 2023 ގައި 102،846،733.89 މިލިއަން ރުފިޔާގެ އަގަކަށެވެ. އެމަސައްކަތް ފެށުމުގެ ގޮތުން އެކުންފުނިންވަނީ އެކުންފުނީގެ އިހަވަންދޫ ސައިޓް ތައްޔާރުކޮށް ކާސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އަދި އޭގެއިތުރުން މަސައްކަތަށް ބޭނުންވާނެ ބައެއް ވެހިކަލާއި ތަކެތިވެސްވަނީ ގެނެސްފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މަގުތަކުގެ މަސައްކަތް ފަށައިގަތުމުގެ ރަސްމިއްޔާތަށް އާރުޑީސީގެ މެނޭޖިންގް ޑިރެކްޓަރ އަލީ ޒުހެއިރު އިހަވަންދޫއަށް ވަޑައިގަންނަވާނެއެވެ.