އަމިއްލަގޮތުން ކުރިމަތިލުމާއިމެދު، ހާޝިމް ގޮތެއް ނިންމަނީ

.

ކުރިޔަށްއޮތް މަޖިލިހުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރުމާއިމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ހާޝިމް މުހައްމަދު ބުނެފިއެވެ. ހާޝިމް ބުނިގޮތުގައި، ދާއިރާގެ ވަރަށްގިނަ ރައްޔިތުން އޭނާ އަމިއްލަގޮތުން މަޖިލީހަށް ކުރިމަތިލުމަށް ދަނީ އެދެމުންނެވެ.

ހާޝިމްވަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައަޅަން ބޭއްވި ޕްރައިމަރީގައި ވާދަކޮށްފައެވެ. ޕްރައިމަރީގައި ވާދަކުރި 3 ކެނޑިޑޭޓުންގެ ތެރެއިން 518 ވޯޓާއިއެކު ހާޝިމް ދިޔައީ ފުލަށެވެ. ޕީޕީއެމް/ޕީއެންސީ އިހަވަންދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރީ އަހްމަދު ނަސީރުއެވެ.

ޕްރައިމަރީގައި ހާޝިމްވަނީ މޮޅަދޫއިން 36 ވޯޓް، މާރަންދޫއިން 36 ވޯޓް، މާލެ އިން 130 ވޯޓް އަދި އިހަވަންދޫއިން 313 ވޯޓް ހޯދާފައެވެ.

ޕީޕީއެމް/ޕީއެންސީ އިހަވަންދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރި ނަސީރުއަކީ މިހާރުވެސް އެކޯލީޝަނުގެ އިހަވަންދޫ ދާއިރާގެ ރައީސްއެވެ. ނަސީރުވަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކޮށްފައެވެ. އެފަހަރުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރި ނާސިރު 706 ވޯޓާއިއެކު ދިޔައީ ދެވަނައަށެވެ.