އެންވީކޭ އަދި ޖަންގަލް، ބޮޑު ތަފާތަކުން މޮޅުވެ ފެންވަރު ދައްކާލައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއާއިން ކުރިޔަށްގެންދާ ޣާޒީ ކަޕްގައި އިއްޔަ ކުޅުނު މެޗްތަކުން ޖަންގަލް އަދި އެންވީކޭ ބޮޑު ތަފާތަކުން މޮޅުވެ އެޓީމްތަކުގެ ފެންވަރު ދައްކާލައިފިއެވެ.

ޖަންގަލް އިއްޔަ ހަވީރު ނުކުތީ ސެންސިޓީއާ ދެކޮޅަށެވެ. އެމެޗުން 8-1 އިން ޖަންގަލް މޮޅުވިއިރު އެޓީމްގެ ފާސިރު އަދި ނާއިޝް ހެޓްރިކް ހެދިއެވެ. އެމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ފާސިރު 4 ގޯލް ޖެހިއިރު ނާއިޝްވަނީ 3 ގޯލް ޖަހާފައެވެ. މިރޭގެ މޮޅާއިއެކު ސެމީފައިނަލުން ޖާގައެއް ކަށަވަރުކުރަން ޖަންގަލްއަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ކުޅުނު ދެމެޗުން ބަލިވެފައިވާ ސެންސިޓީއަށް ސެމީ ފައިނަލުން ޖާގަހޯދުމަށް މިހާރަކު އަމިއްލަ ބާރެއްނެތެވެ.

މިރޭ އެންވީކޭ ނުކުތީ ކްލަބް އިރަމާއާ ދެކޮޅަށެވެ. އެމެޗުން އެންވީކޭ މޮޅުވީ 5-0 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ނަސީހްވަނީ އެންވީކޭއަން 3 ގޯލް ޖަހައިދީ ހެޓްރިކް ހަދާފައެވެ. މިމޮޅާއިއެކު ފައިނަލުން ސީދާ ޖާގައެއް ކަށަވަރުކުރުމަށް އެންވީކޭއަށް ދެންބޭނުންވާނީ އެއް ޕޮއިންޓެވެ. އިރަމާ އަށްވެސް އެއްޕޮއިންޓާއިއެކު ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރެވޭނެއެވެ.

ދެން މިމުބާރާތުގެ މެޗް ކުޅޭނީ އަންގާރަ ދުވަހުއެވެ. އެދުވަހުގެ ހަވީރު އިރަމާއާ ޖަންގަލް ބައްދަލުކުރާއިރު، އެދުވަހުގެ ރޭ ސެންސިޓީ ނުކުންނާނީ އެންވީކޭއާ ދެކޮޅަށެވެ. މިއަހަރުގެ މުބާރާތް ރާވާފައިވަނީ، ގްރޫޕް ސްޓޭޖްގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުން ސީދާ ޖާގައެއް ކަށަވަރުވާ ގޮތަށެވެ. ފައިނަލްގެ އަނެއްޖާގަ ކަށަވާރުވާނީ ދެވަނަ އަދި ތިންވަނައަށްދާ ދެ ޓީމް ބައްދަލުކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ.