ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު ޝިޔާމް އިތުރުފުޅު ހެއްދެވިކަން، ނަވާޒް ހެއްކާއިއެކު ހާމަކޮށްފި

.

އިއްޔަ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބް ޢަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އިތުރުފުޅު ހެއްދެވިކަން، އިހަވަންދޫގެ ޒުވާން މަސްދޯނި އޮޕަރޭޓަރެއް ކަމަށްވާ އަބްދުﷲ ނަވާޒް ހެއްކާއިއެކު ހާމަކޮށްފިއެވެ.

މެންބަރު ޔަޢުޤޫބް ކުރެއްވި ސުވާލުގެ ޖަވާބުގައި ވަޒީރު ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުން 17ރ އިން 25ރ އަށް މަސްކިލޯއެއް ބަދަލުކުރިފަހުން، ކުރީ ސަރުކާރު ނިމިދިޔައިރުވެސް 25 ރުފިޔާގެ އަގުގައި މަސްވެރިންނަށް ފައިސާ އެއްވެސްވަރަކަށް ނުދެވޭކަން ފާހަގަކުރާކަމުގައެވެ. “ސަތާރަ ރުފިޔާއަށް އޮވެފައި 25 ރުފިޔާއަށް އޭރުގެ ސަރުކާރުން ބަދަލުކޮށްފައި، 17 ނޮވެމްބަރ ގައި ވެރިކަން ނިމިގެންދިޔައިރުގައި ވެސް އެންމެ ރުފިޔާއެއް ވެސް 25 ރުފިޔާގެ ރޭޓުން މަސްވެރިންނަށް އެ ސަރުކާރުން މަސްވެރިންނަށް ޕޭކުރެވިފައިނުވާކަން އިއްޒަތްތެރި މެންބަރަށްވެސް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ” އިތުރަށް ތަފްސީލްކޮށްދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

ކުރިން 17ރ އަށް ހުރި މަސްކިލޯއެއް 25ރ އަށް ބަދަލުކުރީ 16 ސެޕްޓެމްބަރ 2023 ގައެވެ. އައު ސަރުކާރު ވެރިކަމާއި ހަވާލުވީ 17 ނޮވެމްބަރ 2023 ގައެވެ. އެދެމެދުގައި 25ރ ގެ ރޭޓުން މަސްވެރިންނަށް ފައިސާ އެއްވެސްވަރަކަށް ދީފައިނުވާކަމަށް ވިދާޅުވިނަމަވެސް، ނަވާޒްވަނީ އޮކްޓޯބަރ 1، 4 އަދި 5 ގައި އޭނާ އޮޕަރޭޓްކުރާ ދޯނި، ފަހިރާސްތާ ކިރުވާފައިވާ މަހަށް 25ރ ގެ ރޭޓުން 16 އޮކްޓޯބަރ 2023 ގައި ދޫކޮށްފައިވާ ފައިސާގެ ސްލިޕެއް  ފޭސްބުކްގައި ހިއްސާކޮށްފައެވެ.

މަޖިލީހުގެ އިމްތިޔާޒަށާއި މަޖިލީހުގެ ގަދަރާއި މަޖިލީހުގެ މަސައްކަތްތައް އުނިކަމެއް ލިބިދާފަދަ ނުވަތަ ހުރަހެއް އެޅިދާ ފަދަ ކޮންމެ އަމަލަކީ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބިދިނުން ކަމަށް ބެލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އޭގެތެރޭގައި މަޖިލީހަށް ނުވަތަ ކޮމިޓީއަށް ގަސްތުގައި ކަމެއް އޮޅުވާލުން ހިމެނެއެވެ. އެގާނޫނުގެ ހަތަރު ވަނަ މާއްދާގެ (8) ވަނަ ނަމްބަރުގައި ވާގޮތުން މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ގަސްތުގައި ކަމެއް އޮޅުވާލައިފިނަމަ އެ ފަރާތެއްގެ އަދަބަކީ 3،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިން މަސް ދުވަހާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލައްލުން ކަމަށް ބުނެފައިވެއެވެ.

އެ ގާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަންކަމާއި މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކަށް އުނިކަން އަންނަ ކަންކަމާމެދު ފިޔަވަޅު އަޅާނީ އެ މައްސަލައެއް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅައިގެން ޝަރީއަތް މެދުވެރިކޮށް ކަމަށްވެސް ބުނެފައިވެއެވެ.

އިއްޔަގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޝިޔާމް، މި ސަރުކާރުން މަސްގަންނަ އަގު 25 އިން 20 އަށް ކުޑަކުރިކަން ފާހަގަކުރައްވަމުން ވިދާޅުވީ މިއީ މަސްވެރިން މިއަދު ތިބި ހާލަތު ބަދަލު ކުރުމަށް ގެނެވުނު ބަދަލެއް ކަމަށެވެ. އަދި ދައުލަތަށް ކެތްވާ އަގެއްގައި މަސް ގަންނަ ޖެހޭ ކަމަށް މަސްވެރިން ވެސް ގަބޫލުކުރާކަމަށާއި، މަސްވެރިންނަށް ނުދެވޭ އަގެއްގައި މަސް ގަނެގެން މަސްވެރިން ނިކަމެތި ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މިފަދައިން އަގަށް ބަދަލު ގެނެސްގެން މަސްވެރިންނަށް ފައިސާ ދެވޭނެ ކަމުގެ ޔަގީން ކަން ޝިޔާމް ވަނީ އަރުވާފައެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަން ރުފިޔާ ނުދީ ހުރި ކަމަށާއި، އެ ބެކްލޮގް ފިލުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށާއި، ބާކީ 270 މިލިއަން ރުފިޔާ ދޫނުކޮށް ހުރި ކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

ޚިޔާލު ފައުޅުކުރުން

މަސްވެރިކަން ހަލާކުކޮށްފަ ވެއްޓެން އުޅޭކަން އެނގުނީމަ ޖެހި މަޅި އެއް ތީ. ގިނަ ދޯނިތަކަށް ހަމަ ނުލިބޭ ތިޔެއް ތި އަގަކު .