އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި

މުޙައްމަދު އަކުރަމް

ކުރިޔަށްއޮތް މަޖިލިހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރަނީ އާރިފް އަދި ނަސީރުއެވެ. މިއީ އައު ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން ބާއްވާ ބަރުލަމާނުގެ އިންތިހާބެއްގައި އިހަވަންދޫ ދާއިރާއަށް އެންމެ މަދުން ކެނޑިޑޭޓުން ވާދަކުރާ ފަހަރެވެ.

އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ މެދުގައި ކެންޑިޑޭޓް ނަންބަރުގެ ގުރު ނަގާފައިވާއިރު، ކެންޑިޑޭޓް ނަންބަރު 1 އާރިފްއަށް ލިބިފައިވާއިރު، ކެންޑިޑޭޓް ނަންބަރު 2 ލިބިފައިވަނީ ނަސީރުއަށެވެ.

އާރިފް މިއިންތިހާބުގައި ވާދަކުރަނީ އެމްޑީޕީގެ ޓިކެޓްގައެވެ. އާރިފްއަށް ޓިކެޓް ލިބިފައިވަނީ ޕްރައިމަރީއަކާއި ނުލައެވެ. އެއީ އާރިފް ފިޔަވާ އިތުރުފަރާތަކުން އެމްޑީޕީގެ ޓިކެޓް ހޯދުމަށް ކުރިމަތިލާފައި ނުވާތީއެވެ. އާރިފްވަނީ ނިމިދިޔަ ސަރުކާރުގެ، ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަޤާމް އަދާކުރައްވާފައެވެ. އޭރުގެ ސަރުކާރުން ހިންގި ގެދޮރުވެރި ސްކީމް ތަކުގެ މަސައްކަތުގައި އާރިފްވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ނަސީރު މިއިންތިހާބުގައި ވާދަކުރަނީ  ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައެވެ. ނަސީރު ޓިކެޓް ހޯދީ 3 ކެންޑިޑޭޓަކު ވާދަކުރި ވާދަވެރި ޕްރައިމަރީއެއް ކާމިޔާބުކޮށްގެންނެވެ. ޕްރައިމާރީއިން ނަސީރުވަނީ 668 ވޯޓް ހޯދަވާފައެވެ. ނަސީރާއި އެންމެ ގާތުން ވާދަކުރި، މުހައްމަދު އަބުދުﷲ (މުހައްމާ) އަށް ލިބުނީ 572 ވޯޓެވެ. ނަސީރުއަކީ މިހާރުވެސް އެކޯލީޝަނުގެ އިހަވަންދޫ ދާއިރާގެ ރައީސްއެވެ. ނަސީރަކީ ތަފާތުއެކި ވިޔަފާރިތައް ހިންގާ ވިޔަފާރިވެރިއެކެވެ. ނަސީރުވަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކޮށްފައެވެ. އެފަހަރުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރި ނާސިރު 706 ވޯޓާއިއެކު ދިޔައީ ދެވަނައަށެވެ.