އިހަވަންދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ

މުޙައްމަދު އަކުރަމް

ދިވެހިރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107-1 ވަނަ މާއްދާގެ (ށ) އަދި (ނ) ގައިވާ ގޮތުގެމަތިން ބާއްވަންޖެހޭ މަޝްވަރާ ބައްދަލުވުން 22 ފެބްރުއަރީ 2024 ވާ ބްރާސްފަތި ދުވަހުގެ ރޭ 20:30 ގައި ހއ.އިހަވަންދޫ ސްކޫލްގައި އޮންނާނެކަމަށް އިހަވަންދޫ ކައުންސިލުން އިޢުލާނުކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން އިޢުލާންކޮށްފައިވާ ގޮތުގައި އެބައްދަލުވުމުގައި ފާއިތުވި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯރޓް ރައްޔިތުންނަށް ހުށަހެޅުންވެސް އޮންނާނެއެވެ.

ލާމަރުކަޒީ ގާނޫނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބުރުއަރީއާއި ޖުލައިމަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންޖެހެއެވެ. މިގޮތުން ޖުލައި މަހުގައި ބާއްވާ އާންމު ބައްދަލުވުމުގައި ކައުންސިލުގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހުށައަޅާ އެކަމަށް ރައްޔިތުންގެ ފަރާތުން ޚިޔާލު ހޯދަން ޖެހެއެވެ. އަދި މިބައްދަލުވުމުގެ 7 ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕުލޭނާއި ބަޖެޓުގެ މަޢުލޫމާތު ޢާންމުކޮށް ހާމަކުރަން ޖެހެއެވެ. ނަމަވެސް އެގޮތަށް އަމަލުކުރަނީ ވަރަށް މަދު ކައުންސިލަކުންކަން ފާހަގަކުރެވެއެވެ.

އިހަވަންދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރާނަމަ، ރައްޔިތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރަން ސުވާލު ފޮނުވުމުގެ ފުރުސަތު ކުރިންލާ ހުޅުވައިލައެވެ. ނަމަވެސް މިފަހަރުގެ ބައްދަލުވުމާއި ގުޅިގެން އެފަދަ ފުރުސަތެއް އަދި ހުޅުވައެއްނުލައެވެ.