ކައުންސިލުން ޒަމާނީ ވޮލީ ކޯޓަކާއި ފުޓްސަލް ދަނޑެއް ހަދަން ނިންމައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލްގެ ބަޖެޓުން ހަރަދު ކޮށްގެން ޒަމާނީ އައުޓްޑޯރ ވޮލީ ކޯޓަކާއި އައު ފުޓްސަލް ދަނޑެއް ތަރައްޤީކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ބޭއްވި އިހަވަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 138 ވަނަ އާއްމު ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.

ޒަމާނީ އައުޓްޑޯރ ވޮލީ ކޯޓް އަޅަން ނިންމާފައިވަނީ ހުރަވީ ދަނޑުގައި އިޖްތިމާއީ މަރުކަޒުގެ އިރުމައްޗަށް އޮތް ހުސްބިމުގައެވެ. އެއީ އިޖްތިމާއީ މަރުކަޒާއި ފުޓްސަލް ދަނޑާއި ދެމެދު އޮތް ބިމެވެ. މިހާރު އިޖްތިމާއީ މަރުކަޒް ހުރި ބިމަށް އަރާގޮތަށް، ކުރީ ކައުންސިލުން ވޮލީ ކޯޓެއް ތަރައްޤީ ކުރިއެވެ. ނަމަވެސް  އިޖްތިމާއީ މަރުކަޒް ބިނާކުރުމަށް އެކޯޓް ނެގީއެވެ.

ކައުންސިލްގެ ބަޖެޓުން ހަރަދު ކޮށްގެން އައު ފުޓްސަލް ދަނޑު އެޅުމަށް ނިންމާފައިވަނީ، ކުރިން ޔޫތް ސެންޓަރު އެޅުމަށް އެލޮކޭޓް ކޮށްފައިވާ ބިމުގައެވެ. އެބިމުގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރަން އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިންވެސް މަސައްކަތްކުރިއެވެ. ނަމަވެސް އިމަގު ޖަމިއްޔާއަށް އެމަސައްކަތް ކުރެވޭ ގޮތް ނުވުމުން، އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 130 ވަނަ ޖަލްސާ ގައި ފާސްކޮގެންވަނީ އެބިން އިމަގު ޖަމިއްޔާއަތުން ނަގާފައެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ، ފުޓްސަލް ދަނޑާއި ވޮލީ ކޯޓް ތަރައްޤީކުރުމަށް ކޮންޓްރެކްޓަރެއް ހޯދުމަށް މިމަސް ނިމުމުގެކުރިން ހުޅުވައިލަން މަސައްކަތްކުރަމުން ދާކަމުގައެވެ.