އިސްލާމީ މަރުކަޒު އިމާރާތްކުރަން، ކައުންސިލުން ބިމެއް ހަމަޖައްސައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫގައި އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ، 150 ފޫޓް 150 ފޫޓްގެ ބިމެއް ހަމަޖައްސައިދިނުމަށް އިސްލާމިކް މިނިސްޓްރީއިން އެދިފައިވާތީ މިނިސްޓްރީގެ އެދިލެއްވުމާއި އެއްގޮތަށް ބިން ހަމަޖައްސަން އިހަވަންދޫ ކައުންސިލުން ފާސްކޮށްފިއެވެ.

މިއަދު އިހަވަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވި، އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 140 ވަނަ އާއްމު ޖަލްސާއިން ނިންމާފައިވަނީ، އިހަވަންދޫގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމަށް ލޭންޑް ޔޫސް ޕްލޭންގައި މިސްކިތެއް އެޅުމަށް ހާއްސަކޮށްފައިވާ ހުޅަނގު އުތުރު ކޮޅުގައިވާ ބިން ހަމަޖެއްސުމަށެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް މައުލޫމާތު ދެއްވި ގޮތުގައި އެގޮތަށް ފާސްކޮށްފައިވަނީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.

އިސްލާމީ މަރުކަޒުއަޅަން ހަމަޖައްސައިދިން ބިމަކީ 41،925 ސްކެއަރ ފޫޓްގެ ބިމެކެވެ. އިހަވަންދޫ ލޭންޑް ޔޫސް ޕްލޭންގައި ވާގޮތުން އިސްލާމީ މަރުކަޒު އެޅުމަށް ހަމަޖެއްސި ސަރަހައްދުގެ ވަށައިގެން އޮންނާނީ ޕާކްތަކެވެ. އަދި އުޅަނދު ޕާކްކުރާނެ ޕާކިންގެ އޭރިޔާއެއްވެސް ކައިރީގައި އޮވެއެވެ. އަދި އެއީ ކުރިޔަށް އެތްތަނުގައި ބޮޑު އާބާދީއެއް ޖަމާވާނެ ސަރަހައްދެއްކަންވެސް ފާހަގަކުރެވެއެވެ.

އިހަވަންދޫގައި އިސްލާމަރުކަޒެއް ޤާއިމް ކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.