ދީނީ މަޢުލޫމާތު އޮޅުންފިލުވައިދޭ ޕްލެޓްފޯމެއް ލޯންޗްކޮށްފި

.

ދީނީ ގޮތުން ރައްޔިތުންގެ ހިތުތެރޭގައި އުފެދޭ އެކިއެކި ސުވާލުތަކަށް ފަސޭހައިން ޖަވާބު ހޯދޭނެ ޕްލެޓްފޯމެއް އިހަވަންދޫ ކައުންސިލުން ލޯންޗްކޮށްފިއެވެ. އެޕްލެޓްފޯމް ލޯންޗް ކޮށްފައިވަނީ ރޭ އިހަވަންދޫ ބަނދަރުމަތީ ކުރިޔަށް ގެންދިޔަ އައްޝައިޚް އާދަމް ބަޝީރުގެ ދަރުސް ޕްރޮގްރާމްގެ ތެރެއިންނެވެ.

ސޯޝަލް މީޑިޔާ އެޕްލިކޭޝަނެއް ކަމަށްވާ ޓެލްގްރާމްގައި “އިހަވަން ސުވާލާއި ޖަވާބު” ނަމުގައި ކުރިޔަށްގެންދާ މިޕްލެޓްފޯމްމެދުވެރިކޮށް، އިހަވަންދޫއަށް ނިސްބަތްވާ ދީނީ އިލްމުވެރިންގެ ފަރާތުން ފަސޭހައިން، ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދޭނެއެވެ. މިޕްލެޓްފޯމްގައި އާނމުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނީ އިހަވަންދޫއަށް ނިސްބަތްވާ 5 ދީނީ އިލްމުވެރިޔެކެވެ. އެއީ އައްޝައިޙް ޙުސައިން ރީޙާން، އައްޝައިޚް ޢަބްދުލް ޤާދިރު މުހައްމަދު، އައްޝައިޚް ޙަސަން ޞަބާޙް، އައްޝައިޚް މުޙައްމަދު ޝާފިއު އަދި އައްޝައިޚް ޢަބުދުﷲ ސަމީރުއެވެ.

މިޕްލެޓްފޯމް ލޯންޗްކޮށްދެއްވީ އައްޝައިޚް އާދަމް ބަޝީރުއެވެ. މިޕްލެޓްފޯމް މެދުވެރިކޮށް، ވަކިވަކި ޝެއިޙުންނާއި ޕްރައިވެޓްކޮށް ސުވާލު ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ. އެގޮތަށް ޝެއިހުންނާއި ކުރާ ސުވާލުތަކާއި ޖަވާބުތައްވެސް އާންމު މަސްލަހަތަށް ބެލުމަށްފަހު އެންމެންގެ ފައިދާއަށްޓަކާ އެންމެނަށް ފެންނަގޮތަށް ބަހައްޓާނެއެވެ. ނަމަވެސް އެގޮތަށް ވަކިން ސުވާލުކުރާ މީހުންގެ މައުލޫމާތު ރައްކާތެރިކުރާނެއެވެ.

ދީނީ މަޢުލޫމާތު އޮޅުންފިލުވުމަށް ޚާއްޞަ އޮންލައިން ފޯރަމެއް ޤާއިމްކުރުމަކީ، އިހަވަންދޫ ކައުންސިލްގެ މިދައުރުގެ ކައުންސިލަރުންގެ ވަޢުދެކެވެ.

“އިހަވަން ސުވާލާއި ޖަވާބު” ޕްލެޓްފޯމަށް ޖޮއިންކުރުމަށް މިލިންކަށް ކްލިކްކޮށްލަށްވާ!