ހެލްތް މިނިސްޓްރީގެ އެންގުމަށް ހޮސްޕިޓަލްގެ މަސައްކަތް ހުއްޓާލައިފި

.

އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން، ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހުއްޓާލައި މަސައްކަތްކުރުމަށް ގެނެސްފައިވާ ތަކެތި ވިއްކާލައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، ހޮސްޕިޓަލްގެ މަސައްކަތް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން ހުއްޓާލައިފާވަނީ، ހެލްތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި އެމަސައްކަތް ހުއްޓައިލުމަށް އަންގާފައިވާތީއެވެ. އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ކުރިޔަށް ދާގޮތާއި ބެހޭގޮތުން މިނިސްޓްރީ އޮފް ހެލްތަށް މިނޫހުން ފޮނުވި އެއްވެސް ސުވާލަކަށް ޖަވާބު ދީފައިނުވާތީ ހޮސްޕިޓަލްގެ މަސައްކަތް ހުއްޓައިލުމަށް އެންގި ސަބަބު ސާފުވާގޮތެއް ނުވެއެވެ.

އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 16 ޖަނަވަރީ 2023 ގައި 123.3 މިލިޔަން ރުފިޔާގެ އަގަކަށެވެ. މިނިސްޓްރީ އޮފް ހެލްތްއިން ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ސައިޓް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 7 މާރިޗް 2023 ގައެވެ. ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ސައިޓް ސާފުކުރުމުގެ މަސައްކަތް ޑުޕްލެކްސްއިން ފަށާފައިވަނީ 9 މާރިޗްގައެވެ.

އިހަވަންދޫ ހޮސްޕިޓަލްގެ އިތުރުންވެސް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން އަންނަނީ މިނިސްޓްރީ އޮފް ހެލްތްގެ ޕްރޮޖެކްޓް ތަކުގައި މަސައްކަތްކުރަމުންނެވެ. އެގޮތުން އެކުންފުނިން ހއ ކެލާގައި އިމާރާތް ކުރަމުންދާ ހެލްތް ފެސިލިޓީ އިމާރާތުގެ މަސައްކަތް މިހާރުވެސް ކުރިޔަށް އެބަދެއެވެ.

ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން އެކުންފުނީގެ އިހަވަންދޫ ސައިޓްގެ މަސައްކަތް ހުއްޓާލާފައިވާއިރު، އެމަސައްކަތްކުރުމަށް ސައިޓަށް ގެނެސްފައިވާ މެޓީރިއަލްސްވަނީ ވިއްކާފައެވެ. އަދި އެކުންފުނީގެ މުވައްޒަފުންނާއި މެޝިނަރީސްވަނީ އެކުންފުނީގެ އެހެން މަސައްކަތު ސައިޓަކަށް ބަދަލުކޮށްފައެވެ.