މަރިޖުއާނާ 2 ގަހާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރު ކޮށްފި

ޢަބުދުﷲ ޙަމީދު

މަރިޖުއާނާ 2 ގަހާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައި ވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން  މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިއަދު މެންދުރުފަހު 2:35 ހާއިރު ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގައި މި 2 ގަހާއެކު 2 މީހުން ހައްޔަރު ކޮށްފައި ވަނީ ހުޅުމާލެ ލޮޓް 10219 ނަމްބަރު  ފުލެޓް ތެރޭގައި ތިއްބަ ކަމަށެވެ.

އެފުލެޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކާއި 31 އަހަރުގެ ރަޝިޔާގެ  އަންހެނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނެފައި ވަނީ މަރިޖުއާނާ ގަސް ކަމަށް ޝައްކުކުރެވޭ މި ދެގަސް ފެނިފައިވަނީ ކޯޓް އަމުރެއްގެ ދަށުން ހުޅުމާލެ ލޮޓް 10219 ނަމްބަރު ފުލެޓް ބަލައިފާސް ކުރަމުން ދަނިކޮށް ބެލްކަނީ ތެރޭގައި ބަހައްޓާފަ ހުރި ބާލިދީއެއްގައި އިންދާފައި ހުއްޓަ ކަމަށެވެ. އަދި މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން  ތަޙުޤީޤު ކުރަމުން ދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.