ބަރަކާތްތެެރި ރަމްޟާން މަސް ނިމުމާއެކުހެން އިހަވަންދޫގައި އެކި ސިޔާސީ ޕާޓީތަކުން ކެމްޕެއިންގެ ހަރަކާތްތައް ފުޅާކޮށް އިތުރުކޮށްފިއެވެ. ޢީދު ވިލޭރޭއަށް އިރުއޮސިގެން ދިޔައިރު، އިހަވަންދޫ އެމްޑީޕީ އާއި ޕީޕީއެމް އަދި ޖުމުހުރީ ޕާޓީގެ ހަރަކާތްތައް އިތުރުކޮށްފައި ވާކަން ފާހަގަ ކުރެވެއެވެ.
މިގޮތުން އެރޭގެ 9:00 ގެ ފަހުން ހިޔަލީބާޣުގެ ގޯތި ތެރޭގައި ހުރި ޖުމުހުރީޕާޓީގެ އޮފީހުންނާއި، ހާޝިމީމަންޒިލްގެ ގޯތި ތެރޭގައި ހުރި ޕީޕީއެމްގެ އޮފީހުންނާއި ސަމީނާމަންޒިލްގެ ގޯތިތެރޭގައި ހުރި އެމްޑީޕީގެ ޖަގަހައިން ކެމްޕއެިންގެ ލަވަތަކާއި ޢީދުގެ ލަވަތައް ޖަހަން ފެށިއެވެ.
ޖުމުހުރީ ޕާޓީގެ އޮފީން ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތްތައް އެހެންޕާޓީތަކާއި ތަފާތުކަން ފާހަގަ ކުރެވެއެވެ. މިގޮތުން އެއޮފީހުގެ ލައުޑު ސްޕީކަރުން ހަމައެކަނި ކެމްޕެއިންގެ ލަވަތައް ޖެހުމުގެ އިތުރުން، ޖުމުހުރީ ޕާޓީގެ ރިޔާސީ ވަޢުދުތަކާއި ރިޔާސީ ސިޔާސަތުތައް ގެނެސްދެމުން ދިޔަކަން ފާހަގަ ކުރެވެއެވެ. މަޝްވަރާ ފޯރަމް އެއްގެ ސިފާގައި ބޭނުން ބޭފުޅަކަށް ބައިވެރިވެވޭ ގޮތަށް ފޮނުވަން ފެށި މިޕުރޮގުރާމް ޢީދު ދުވަހުވެސް ހެނދުނު 11:30 އާ ހަަމަ އަށް އެޕާޓީން ކުރިއަށް ގެންގޮސްފައި ވެއެވެ. މީގެ އިތުރުން ޢީދު ދުވަހުން ރަށުގެ އޯކިޑު މަގުގައި އިހަވަންދޫ މަދަރުސާއިން ފެށިގެން ދެކުނަށް މަގުގެ ބޮޑު ބައެއްގައި ޖުމުހުރީ ޕާޓީގެ ދިދަފަތި ދަމާ، ބައެއް ގޭގޭގެ މަގުފާރު ތަކުގައި ކުލަލާ، ކުރަހާފައި ވާކަން ފާހަގަ ކުރެވެއެވެ.
އެމްޑީޕީގެ ހަރަކާތްތަކަށް ބަލާލާއިރު، ރަމްޟާން މަސް ތެރޭގައި ވެސް އެޕާޓީން ދިޔައީ ގޭގޭގެ މަގުފާރުތަކުގައި ކުލަލުމުގެ މަސައްކަތް ކުރަމުންނެވެ. މިޕާޓީގެ ހަރަކާތްތަކަށް ބަލާއިރު، ކުލަލާފައި ހުރި ފާރުތަކުގައި އެޕާޓީގެ ސިޔާސަތުތައް ދައްކުވާދޭ ކުރެހުންތައް ކުރެހުމާއި ލިޔުންތައް ލިޔަން ފަށާފައި ވާކަން ފާހަގަ ކުރެވެއެވެ. އަދި މަގު ފާރުތަކުގައި އެމްޑީޕީގެ މެނިފެސްޓޯގެ ޕޯސްޓަރުތައް ތަތްކުރުމާއި، އެމްޑީޕީގެ ކެމްޕޭން ލަވަތައް ފޮނުވާފައި ވާކަން ފާހަގަ ކުރެވެއެވެ.
ޕީޕީއެމްގެ ހަރަކާތްތައްވެސް ރަމްޟާން މަސް ނިމުމާއެކު ޢީދުވިލޭރޭއިން ފެށިގެން އިތުރުކޮށް މަގު ފާރު ތަކުގައި ކުލަލުމާއި ރަށުގެ އަމީނީ މަގުގެ އިހަވަންދޫ ޕީޕީއެމް އޮފީހުގެ ކައިރިންފެށިގެން ދެކުނަށް، މަގުގެ ބޮޑުބައެއްގައި ދިދަފަތި ދަމާ ފައި ވެއެވެ. އަދި ބަނދަރު މަތީގެ ބައެއް ބުރުތަކުގައާއި، އިރުމަތީ ފަރާތުގައި ހުރި ކުޑަތަކުގެ ގޮޑިތަކުގައި އެޕާޓީގެ ކުލަ ލާފައި ވާކަން ފާހަގަ ކުރެވެއެވެ. މިއާއި އެކު ބަނދަރުގެ އެއްގަމު ވާޓަރުގެ ކޮންމެ ސިޑިއަކާ ދިމާގައި ޕާޓީގެ ކުލަލުމާއެކު، އެއްގަމުވާޓަރުގެ އެކު ހިސާބުތަކުގައި ވަނީ ނަންބަރު 3 ޖަހާ ހެޔޮ ފާހަގަ ޖަހާފައެވެ.
އިހަވަންދޫގައި ހިންގޭ ކެމްޕެއިން ހަރަކާތުގައި އަދި މިހާތަނަށް ޤައުމާގެން ކުރިއަށް ކޯލިޝަނުގެ އެއްވެސް ހަރަކާތްތަކެއް ފެނިފައި ނުވާކަން ފާހަގަ ކުރެވެއެވެ. އަދި ރަށުގައި އެއްވަގުތެއްގައި ކައިރީގައި ހުރި ޕާޓިގެ އޮފީސްތަކުން އަޑުފޮނުވުމުން އެކަމުގެ އުނދަގޫ ބައެއް ފަރާތްތަކަށް ފޯރަމުން ދާކަން ވެސް ފާހަގަ ކުރެވެއެވެ.