ހޫނު މާރާމާރީއެއް އިހަވަންދޫގައި ހިނގާފާނެ ކަމަށް މުޢުތަބަރު ފަރާތަކުން އިހަވަންދޫޑޮޓްކޮމް އަށް މަޢުލޫމާތު ދީފި އެވެ.
ވަރަށް އިތުބާރު ހިފޭ މި މަސްދަރުން މަޢުލޫމާތު ދިން ގޮތުގައި މި މާރާމާރީ ހިނގާނީ ހއ. ހޯރަފުށީ ޒުވާނުންތަކަކާއި އިހަވަންދޫގެ ޒުވާނުންތަކަކާ މެދުގަ އެވެ. މި މާރާމާރީ އަކީ ހޯރަފުށީ ޒުވާނަކު އިހަވަންދޫގެ އަންހެން ކުއްޖަކާ ރައްޓެހިވެ، އެ ކުއްޖާއާ އިހަވަންދޫގައި ބައްދަލު ކުރި ރެއެއްގައި އިހަވަންދޫގެ ޒުވާނުންތަކެއްގެ ފުށުން ހޯރަފުށީ ޒުވާނާ އަށް މީގެ 3 މަހެއްހާ ދުވަސް ކުރިން ދީފައިވާ ހަމަލާއެއްގެ ރައްދުގައި އެ ޒުވާނާގެ ފަރާތުން އަންނަ ހަމަލާއެއް ކަމަށްވެ އެވެ. މިގޮތުން މި މާރާމާރީއަށްޓަކައި އިހަވަންދޫ އަށް އައުމަށް ދެ ފަހަރަކު ހޯރަފުށީގެ ޒުވާން ގްރޫޕަކުން ތައްޔާރުވި ކަމަށާއި އެހެން ނަމަވެސް، އިހަވަންދޫގެ ޒުވާނުންގެ ފުށުން ހަމަލާ އަމާޒުވި ހޯރަފުށީގެ ޒުވާނާގެ އެދުމުގެ މަތިން އިހަށް މަޑު ޖައްސާލާފައި ވަނީކަމަށް އިހަވަންދޫޑޮޓްކޮމްއާ މަޢުލޫމާތު ޙިއްސާ ކުރި ފަރާތުން މަޢުލޫމާތު ދިނެވެ.
ނަންހާމަކުރުމަށް ޢުޛުރުވެރިވަމުން އޭނާ އިތުރަށް ބުނީ، މި ރައްދު ހަމަލާ މިވަގުތަށް މަޑު ޖެހިފައިވީ ނަމަވެސް މި ހަމަލާއަށް ހޯރަފުށީ ޒުވާން ގްރޫޕް މިހާރު ވެސް އޮތީ ތައްޔާރަށް ކަމަށާއި، އަދި މިކަމާ ގުޅިގެން އިހަވަންދޫގެ ގްރޫޕްވެސް ތައްޔާރުވެފައިވާ ކަމަށެވެ. ވީމާ މިހަމަލާ މި މަގުން ހިނގައިފި ނަމަ ދިގުދެމިގެން ގޮސްފާނެ ނުތަނަވަސް ފިތުނައެއް އުފެދި ޚަރާބުގެ މަގުން ކަންކަން ވެ ނިމިދާނެތީ މިކަމަށް ސުލްހައެއް ހޯދުމަށް ބައެއް ބައިވެރިން ނުސީދާގޮތުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެ އެވެ.
މި ކަމުގައި ޙަވާލާދެވޭ ހޯރަފުށީ ޒުވާނާ އަކީ މަނަފަރު ރިސޯޓުގައި ވަޒީފާ އަދާކުރަމުން އަންނަ ޒުވާނެއް ކަމަށް އިހަވަންދޫޑޮޓްކޮމް އަށް އެހެން ފަރާތަކުން މަޢުލޫމާތުދީފައިވެ އެވެ.