އިމަގުގެ ކުޑައީދު މަޖާ މި އަހަރުވެސް އޮންނާނެ: މޫސަ

ޢަބްދުލްމާނިޢު ޙުސައިން

އުފާވެރި ފިޠުރު ޢީދުގެ މުނާސަބަތު ފާހަގަކޮށް އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވާ އާލާކުރުމުގެ މަގުޞަދުގައި ގިނަ ކުޅިވަރު ހަރަކާތްތަކެއް މި އަހަރުގެ ފިޠުރު ޢީދުގައި ވެސް ބާއްވާނެ ކަމަށް އެ ޖަމިއްޔާގެ މި ދައުރުގެ ރައީސް މޫސާ ޢަލީ މިރޭ ވިދާޅުވެއްޖެ އެވެ.

އިމަގު ޖަމިއްޔާގެ އީދުއުފާ ފެށިގެން ދާނީ ގިނަ ޢަދަދެއްގެ ޒުވާނުންގެ ބައިވެރިވުމާއެކު އިމަގު ޖަމިއްޔާއިން ކޮންމެ އަހަރަކު ވެސް ބާއްވާ އީދުހެފުމާއެކު އެވެ. މިގޮތުން މި އީދުގެ ޚާއްޞަ ފަރިއްކޮޅު މިރޭ 10:00 ގައި ދެކުނު ފަރާތު ހިތް ފަސޭހަ މައިދާނާ ދިމާ އަތިރިމަތީގައި އޮންނާނެ ކަމަށް މުސާ ޢަލީ ވިދާޅުވެ އެވެ. މި ކެއުމުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވެ އިންސާފުކޮށްދިނުމަށް އިހަވަންދޫގެ އެންމެހާ ރައްޔިތުންނަށް އިމަގު ޖަމިއްޔާއިން ދައުވަތުދެ އެވެ.

މޫސާ ޢަލީ އިހަވަންދޫޑޮޓްކޮމް އަށް ދެއްވި ޚާއްޞަ ބަސްދީގަތުމުގައި އިތުރަށް ވިދާޅުވީ މި އަހަރުގެ އީދުމަޖަލުގެ އެންމެ ފުރަތަމަ ހަރަކާތަކަށް އޮންނާނީ މާދަމާ ހެނދުނު އެ ޖަމިއްޔާއިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ރިކްއިސްޓް ޕްރޮގްރާމް ކަމަށެވެ. މި ހަރަކާތަކީ އީދުގެ ތަހުނިޔާ ފޮނުވުމަށް ޚާއްޞަ ހަރަކާތެއް ކަމަށް މޫސަ ވިދާޅުވި އެވެ.

މިއަށްފަހު، މާދަމާ ހަވީރު ކުޑަކުދިންގެ ހަވީރެއް އޮންނާނެކަމަށާއި، މި ހަވީރުގައި ކުޑަކުދިންގެ ހިތް އުފާވާނެ ފަދަ ހަރަކާތްތަކެއް ފެނިގެންދާނެ ކަމަށާއި، ހުރިހާ ކުދިވެރިން މި ހަވީރުގައި ބައިވެރިވުމަށް މޫސަ އެދިލައްވަ އެވެ.

ކުޑަ އީދާ ގުޅިގެން އިމަގުން ބާއްވާ އެންމެ ޚާއްޞަ ހަރަކާތަކީ ހުކުރު ދުވަހު ބާއްވާ ވަންޑޭކަޕް ފުޓް ބޯޅަ މުބާރާތާއި ހޮނިހިރު ދުވަހު އޮންނަ ބަށި މުބާރާތް ކަމަށް މޫސަ ފާހަގަކުރައްވަ އެވެ. މިގޮތުން މާދަމާގެ ނިޔަލަށް ވަންޑޭ ކަޕްގައި ބައިވެރިވުމުގެ ފުރުޞަތު އޮންނައިރު ބަށި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުކުރުދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

އުފާވެރިގެ ފިޠުރު ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އިމަގު ޖަމިއްޔާގެ ނަމުގައި އިހަވަންދޫގެ ރައްޔިތުންނަށާއި އެންމެހާ މުސްލިމުންނަށް ވެދުންކުރާ ކަމަށް މޫސާ ޢަލީ ވިދާޅުވި އެވެ.