ޕޯލްސްޓަރގެ 1 ވަނަ ކީރިތި ޤުރުއާނުގެ ތަރުޖަމާ ކިޔުމުގެ މުބާރާތް ފަށައިފި

ޢަބުދުﷲ ޙަމީދު

ކުލަބު ޕޯލްސްޓަރ އިން އިހަވަންދޫގައި މުޅިން އަލަށް ފަށާ މުބާރާތެއް ކަމަށްވާ  ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ކިޔުމުގެ މުބާރާތް މިރޭ ފަށައިފި އެވެ.

މިމުބާރާތް ފެށިފައިވަނީ މިރޭ 9:45 ގައެވެ. މުބާރާތް ޝަރަފުވެރިކޮށްދެއްވާފައި ވަނީ އިހަވަންދޫ މަދަރުސާގެ ޑެޕިއުޓީ ޕުރިންސިޕަލް އަލްފާޟިލް މުޙައްމަދު ޢަބުދުއްޞަމަދު އެވެ.

ޕޯލްސްޓަރ އިން ހާމަކޮށްފައި ވާގޮތުގައި މިމުބާރާތުގައި ބައިވެރިވެފައިވަނީ 14 ފަރާތަކުން ނެވެ. އަދި މިރޭ މިފެށުނު މުބާރާތުގެ ހުރިހާ ބައިވެރިންގެ ކިޔެވުން މިރޭ ނިއްމާލެވޭނެ ކަމަށްވެސް އެކުލަބުން ހާމަކުރައްވައެވެ.

ކޮމްޕިއުޓަރ ސްކުރީނުން ޤުރުއާނުގެ އާޔަތާއި އެއިގެ ދިވެހި ތަރުޖަމާ ބަލައިގެން ކިޔަވާ ގޮތަށް އިންތިޒާމުކޮށްފައިވާ މިމުބާރާތުގައި މުބާރާތުގެ ބައިވެރިން ހުށައަޅަމުން ދާއިރު ބެލުންތެރިނަނަށްވެސް ކިޔަވަމުންދާ ބައި ފެންނަ ގޮތަށް ސްކުރީން ބަހައްޓާފައި ހުރިކަން ފާހަގަ ކުރެވެއެވެ.

ޕޯލްސްޓަރ އިން ހާމަކުރި ގޮތުގައި މިފަދަ މުބާރާތެއް އިންތިޒާމުކޮށްގެން ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ކީރިތި ޤުރުއާނުގެ ތަރުޖަމާ އަށް މީހުން ހޭލުން ތެރިކުރުވުމެވެ.

ކުލަބު ޕޯލްސްޓަރ އިން މަޢުލޫމާތު ދޭ ގޮތުގައި މިމުބާރާތުގެ އެއްވަނަ ފަރާތަކަށް ލަންކާ ދެކޮޅު ޓިކެޓާއި ލަންކާގައި 5 ދުވަހު ހުރުމުގެ އިންތިޒާމު ހަމަޖައްސާ ދެވޭނެ އެވެ. މިމުބާރާތުގެ ކިޔެވުން ކުރިއަށް ދަނީ އިހަވަންދޫ މަދަރުސާގެ ހޯލުގައެވެ.