ބަދުއަޚްލާޤީ މައްސަލައެއްގައި ހޯދަމުން ދިޔަ މީހަކު ބައިކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގެންފި

ޢަބުދުﷲ ޙަމީދު

ކުޑަކުއްޖަކާމެދު ބަދުއަޚުލާޤީ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު މަސްތުވާތަކެތި ކަމަށް ބެލެވޭ ބައި ކިލޯއަށް ވުރެ ގިނަ އެއްޗިއްސާއެކު އަތުލައިގެންފި އެވެ.

ފުލުހުން ބުނެފައި ވަނީ އުމުރުން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ގަދަކަމުން މަސްތުވާތަކެއްޗާއި ބަނގުރާދީ އެކުއްޖާއާމެދު 4 މީހަކުވެގެން ގަދަކަމުން ބަދު އަޚްލާޤީ އަމަލު ހިންގި މައްސަލަ އާއި ގުޅިގެން ފުލުހުން ތަކުރާރުކޮށް އިޢުލާންކޮށްގެން ހޯދަމުން ދިޔަ މ. ހުނަރު، މައުސޫމް ޢައްބާސް (24އ) މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބައިކިލޯއަށްވުރެ ގިނަ ތަކެއްޗާއެކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ.

ފުލުހުންގެ އިންޓެލިޖެންސް އާއި ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ކޯޓު އުމުރުގެ ދަށުން ފުލުހުން އެގެއަށް ވަދެގެންނެވެ.

މިމައްސަލައާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި 23 އަހަރުގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން އެގެ ބަލައި ފާސްކުރިކުރުމުން އޭނާ ދިރިއުޅޭ ކޮޓަރިތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބައިކިލޯއަށްވުރެ ގިނަ ތަކެތި ފެނިފައި ވާކަމަށްވެސް ފުލުހުން ބުނެއެވެ.

އަދި އެމައްސަލާގައި ތުހުމަތުކުރެވޭ އަނެއް 03 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުންގެ މައްސަލަ ތަހްޤީޤްކޮށް ނިންމުމަށްފަހު ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރެލްގެ އޮފީހަށް ފޮނުވާފައި ކަމަށާއި އެއިގެ ތެރޭގައި ހިމެނެނީ ޖައިލަމް މުޙައްމަދު(18އ) އދ. މާމިގިލި، ސެޓެރަންއާއި ތަރަފް ޢަބްދުއްޞަމަދު (19އ)، ގއ. ދެއްވަދޫ، ކަރަންކާގެ އާއި މުޙައްމަދު އުބައިދު އިބްރާހީމް (22އ)، މ. ހީރޯ. ކ. މާލެ ކަމަށް ފުލުހުން ހާމަކުރެއެވެ.

ކުޑަކުދިންނާމެދު ޖިންސީ ހާނިއްކަކުރާ މީހުންނާމެދު ޚާއްސަ އުޞޫލުން ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން މިއެންމެންގެ ޝަރީޢަތް ނިމެންދެން ތިބޭނީ ފުލުހުންގެ ބަންދުގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.