އެމްޑީޕީން އިހަވަންދޫގައި ވެހިކަލް ބުރެއް ބާއްވައިފި

ޢަބްދުލްމާނިޢު ޙުސައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ހޯދުމުގެ ގޮތުން “އެއްބުރުން ވެހިކަލް ބުރު”ގެ ނަމުގައި އިހަވަންދޫގެ އެމްޑީޕީ މެމްބަރުން އިހަވަންދޫގެ ބޮޑެތި މަގުތަކުގައި ވެހިކަލް ދުއްވައިފި އެވެ.

މި ވެހިކަލް ބުރު ފަށާފައި ވަނީ އެމްޑީޕީގެ އިހަވަންދޫ މައި ހަރުގެއިން މިއަދު ހަވީރު 4:30 ގަ އެވެ. މި ވެހިކަލް ބުރުގައި 34 ސައިކަލާއި، 2 ކާރު ބައިވެރިވެފައިވާ ކަމަށް މި ބުރުގައި ހަރަކާތްތެރިވި އިހަވަންދޫޑޮޓްކޮމްގެ މުރާސިލެއް ހާމަކުރައްވަ އެވެ.

މި ވެހިކަލް ބުރުގެ އިތުރުން ވެސް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް އެމްޑީޕީ ދަނީ ހިންގަމުންނެވެ. މިގޮތުން އެމްޑީޕީގެ ސިޔާސަތުތައް ހިމެނޭ ލުއިފޮތް ގޭބިސީ ތަކަށް ބެހުމާއި، ޕޯސްޓަރު ހިއްޕުމުގެ އިތުރުން ބައެއް ގެތަކުގެ ފާރު “ރީނދޫ” ކުރުމާއި، ފާރުގައި ކުރެހުން ފަދަ ހަރަކާތްތަކެއް ވޭދުވެ ދިޔަ ހަފްތާގައި ހިންގާފައިވާ ކަމަށް މަޢުލޫމާތު ލިބެ އެވެ.