Banner Image Description

އަމިއްލަ ގަލަމަކުން ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ކޮމިޝަނުން އެދިއްޖެ

ޢަބުދުﷲ ޙަމީދު

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާން ދާއިރު، ގެއިން ގަލަމެއް ހިފައިގެން ދިއުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނީ “ކޮވިޑް-19 ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު” ގެ 4 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ވޯޓުލާން ވަޑައިގަންނަވާއިރު ރައްކައުތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަމިއްލަ ގަލަމަކުން ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް މިކޮމިޝަނުން ބާރުއަޅާކަމަށެވެ.

މިގޮތުން ވޯޓުކަރުދާހުގައި ފާހަގަ ޖެހުމަށް ބޭނުން ކުރަންވާނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ކަމަށް، މި ކޮމިޝަނުން ނިންމާފައިވާތީ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. އެގޮތުން، ވޯޓުކަރުދާހުގައި ފާހަގަ ޖެހުމަށް ބޭނުން ކުރަންވާނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ކަމަށް އީސީގެ ބަޔާނުގައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕުރީލް މަހުގެ 10 ވާ ހޮނިހިރު ދުވަހު އެވެ.