އިމަގު ފަންސަތިރީސް ވެޓެރަންސް ފުޓްސަލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ޗާލީ ހޯދައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ކުރިޔަށްގެންދިޔަ އިމަގު ފަންސަތިރީސް ވެޓެރަންސް ފުޓްސަލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ޗާލީ ހޯދައިފިއެވެ. ޗާލީ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު މިމުބާރާތުގެ ފައިނަލް މެޗްގައި ޓީމް ޑެޑީސްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޓީމް ޗާލީގެ އަހްމަދު ޝަބީންއެވެ. މިމުބާރާތުގެ އެންމެ ގިނަ ގޯލްޖެހީ ޓީމް މުކައްބަގެ މުހައްމަދު އާދަމްއެވެ. އޭނާ ވަނީ މިމުބާރާތުގައި ޖުމުލަ 14 ގޯލް ޖަހާފައެވެ. މިމުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ ޗާލީ ޓީމްގެ އަހްމަދު ޝަބީން އަދި އަހުމަ ރަޝީދުގެ އިތުރުން، ޓީމް މުކައްބަގެ މުހައްމަދު އާދަމް އަދި ޓީމް ޑެޑީސްގެ މުހައްމަދު އިބްރާހިމް އަދި މުސާ މުހައްމަދުއެވެ. މިމުބާރާތުގެ ކިންގެ އޮފް ޓޯނަމެންޓަށް ހޮވުނީ ޓީމް ޗާލީގެ ޝަބީންއެވެ.


މިއަހަރުގެ މުބާރާތް ކުރިޔަށް ގެންދިޔައީ އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިން 6 ޓީމަކަށް ބަހާލައިގެންނެވެ. މިފަހަރުގެ މުބާރާތަށް ކުޅުންތެރިން ބަހާލާފައިވާ ޓީމް ތަކަކީ މަންދާރަ، ޗާރލީ، ޓީމް ޑެޑީސް، ކަލްމިންޖާ، ބެރެބެދި އަދި މުކައްބާއެވެ.