އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް ހެކް ކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް “ހެކް” ކޮށްފިއެވެ. އިހަވަންދޫ ކައުންސިލުންވަނީ، ކައުންސިލްގެ ވައިބަރ ކޮމިއުނިޓީގައި އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ. ކައުންސިލުން ބުނެފައިވަނީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖް ހެކްކޮށް، ޕޭޖުން މިހާރު އެހެން ފަރާތަކުން ޕޯސްޓް ކުރަމުންދާތީ އެކަން ސަމާލުކަމަށް ޓަކައި ދަންނަވާކަމުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލް ޕޭޖްގެ އެކްސެސް، ހުރިހާ އެޑްމިނުންނަށް ގެއްލިފައިވާތީ ޕޭޖް އަނބުރާ ހޯދުމުގެ މަސައްކަތް އިއްޔައިންފެށިގެން ދިޔައީ ކުރަމުންނެވެ. ކައުސިލްގެ ރައީސް އަޙްމަދު ސޮބާހް ވިދާޅުވީ ކައުންސިލް ފޭސްބުކް ޕޭޖްގެ ކޮންޓްރޯލް ހޯދުމުގެ މަސައްކަތް ކުރިޔަށް ދާކަމަށާ، ކައުންސިލް ފޭސްބުކް ޕޭޖް ހެކްކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމުގައެވެ.

އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖަކީ، ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށް ދޭންޖެހޭ އެންގުންތަކާއި މައުލޫމާތު ގެނެސްދިނުމަށް ހާއްސަކޮށްފައިވާ ޕޭޖެކެވެ. އިހަވަންދޫ ކައުންސިލްގެ ޕޭޖަކީ  2015 ވަނަ އަހަރުން ފެށިގެން ހިންގާ ޕޭޖަކަށްވެފައި، އެޕޭޖަށް  ގިނަ އަދަދެއްގެ ފޮޓޮއާއި ވީޑިއޯ ޕޯސްޓްކޮށްފައި އެބަހުއްޓެވެ. އެހެންކަމުން އެޕޭޖަށް ގެއްލުމެއް ދީފިނަމަ އެތަކެތި ގެއްލުމުގެ ބިރުވެސް އެބައޮތެވެ.  އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް ހެކްކުރުމަށްފަހު މިއަދުވަނީ  ޕޮޕްކޯން ތައްޔާރުކުރާނެ ގޮތުގެ ވީޑިއޯއެއް ޕޯސްޓް ކޮށްފައެވެ.