ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް” ގެ ނަމުގައި ހއ އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތް ހޯސްޓް ކުރާނެ ރަށްތައް ހޯދުމަށް އިޢުލާން ކޮށްފިއެވެ. ތިލައުތުރު ފުޓްސަލް މުބާރާތަކީ ހއ އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ގޮތުން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން ބާއްވަމުން އަންނަ މުބާރާތެކެވެ.
މިއަހަރުގެ “ތިލައުތުރު ފުޓްސަލް މުބާރާތް” ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ. މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ރަށްރަށުން، 16 އޭޕްރިލް 2024 ގައި ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވެ، 24 އޭޕްރިލް ގައި އޮންނަ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 9 މެއި 2024 ގައި ޕްރޮޕޯސަލް ހުށަހަޅަންޖެހެއެވެ.
މިއީ “ތިލައުތުރު ފުޓްސަލް މުބާރާތް” ބާއްވާ 3 ވަނަ އަހަރެވެ. ތިލައުތުރު ފުޓްސަލް މުބާރާތުގެ ފުރަތަމަ މުބާރާތް ހއ އުތީމުގައި ބޭއްވިއިރު އެމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފިއްލަދޫއެވެ. މިދިޔަ އަހަރުގެ މުބާރާތް ހއ މާރަންދޫގައި ބޭއްވިއިރު އެމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަށަފަރެވެ.