އިމަގުން ބަށި މުބާރާތެއް ބާއްވަނީ

ޢަބްދުލްމާނިޢު ޙުސައިން

އުފާވެރި ފިޠުރު ޢީދުގެ މުނާސަބަތާ ގުޅުވައިގެން ބަށި މުބާރާތެއް ބޭއްވުމަށް އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަމަހުގެ 8 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް އިމަގުން މަޢުލޫމާތުދެ އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޤަވާޢިދު، ކާވިޔާ މާރޓް ފިހާރައިން ލިބެން ހުންނާނެ ކަމަށް އިމަގުން ބުނެ އެވެ.

މި މުބާރާތް ފެށުމަށް މަޖެހިފައި ވަނީ އަންނަ މަހު 10 ވަނަ ދުވަހު އެވެ. މުބާރާތުގެ އެއް ވަން ޓީމަށް 2000 ރުފިޔާގެ އިނާމެއް ދިނުމަށް ކަނޑައަޅާފައިވެ އެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސާ ކުރުމުގެ ފުރުޞަތު ވެސް ހުޅުވާލެވިފައިވާ ކަމަށް އިމަގުން ބުނެ އެވެ.

ފިޠުރު ޢީދާ ދިމާކޮށް ތަފާތު ހަރަކާތްތަކަކަށް އިމަގު ޖަމިއްޔާ ތައްޔާރުވެފައިވާ އިރު، ހިނގަމުން މިދާ ރަމަޟާންމަހު ވެސް އިމަގުން ދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ ޙުސައިން ޒުހާރުގެ ހަނދާނީ ޤުރުއާން މުބާރާތް ބާއްވައި، މިހާރު ވަނީ ނަތީޖާ ވެސް ފާޅުކޮށްފަ އެވެ. މީގެ އިތުރުން ތިން މުގޯޅި މުބާރާތެއް ވެސް މިހާރުދަނީ ކުރިއަށެވެ.