ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ 3 ވަނަ ޑިވިޜަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އައިކްލަބުން ނިންމައިފި އެވެ.
އެ ކްލަބުން ނެރެފައިވާ ނޫސް ބަޔާނެއްގައި ހާމަކޮށްފައި ވަނީ މި އަހަރު ބާއްވާ މުބާރާތުގައި އެ ކްލަބު ބައިވެރި ވަނީ އެސޯސިއޭޝަން ފޯރ އިހަވަންދޫ މޯވްމެންޓް (އެއިމް)ގެ ނަމުގައި ކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް ކުރިން ހަމަޖެހިފައި އޮތީ އިމަގު ޖަމިއްޔާގެ ނަމުގައި ކަމަށް އެ ނޫސް ބަޔާނުގައި ހާމަކޮށްފައިވެ އެވެ. ނަމަވެސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގައި ކަމަށް ދެކެވި، އެހާ ހަމައަށް އެކަށީގެންވާ ފަންޑެއް ހޯދިދާނެ ކަމަށް ބެލެވިފައި ވަނިކޮށް، މުބާރާތް ބާއްވަނީ އޯގަސްޓްގައިކަން ކަށަވަރުވެގެން ދިޔަކަމާއި، މިކަމާގުޅިގެން މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާނެ ފަންޑް އަވަސްގޮތުގައި ހޯދުމަށް އެކި ފަރާތްތަކާ މަޝްވަރާކުރުމުގެ ތެރޭގައި، އެސޯސިއޭޝަން ފޯރ އިހަވަންދޫ މޯވްމެންޓްގެ ނަމުގައި ބައިވެރިވާ ނަމަ ބޮޑު ފައިސާގެ އަދަދެއް ލިބޭނެ ކަމަށް އެފަރާތުން ހުށަހެޅި ކަމާއި، އެ ޖަމިއްޔާގެ ނަމުގައި މުބާރާތުގައި ބައިވެރިވުމަށް ނިންމީ މި ސަބަބާ ހުރެ ކަމަށް އެ ނޫސް ބަޔާނުގައި ހާމަކޮށްފައިވެ އެވެ.
އަދި މި ނިންމުން މިގޮތަށް ނިންމަން ޖެހުނީ އިމަގު ޖަމިއްޔާއާ މެދު އެއްވެސް ހިތްބުރަ ކަމެއް އަދި އެ ނޫންވެސް ކަމެއް އޮވެގެން ނޫންކަމަށާއި، މި ނިންމުން މިގޮތަށް ނިންމަން ޖެހުމުން އިމަގު ޖަމިއްޔާގެ މެމްބަރުންގެ ފަރާތުން މާފަށް އެދޭކަމަށާއި، މި މުބާރާތް ހިންގުމުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުމަށް އެދޭ ވާހަކަވެސް، އެ ކްލަބުގެ މި ދައުރުގެ ރައީސް މުޙައްމަދު ޝިހާނު ސޮއިކޮށް ނެރުއްވާފައިވާ ބަޔާނުގައިވެ އެވެ.
އައިކްލަބަކީ މާލޭގައި ދިރިއުޅޭ ޒުވާނުން ޖަމާޢީގޮތުން އެކިއެކި އިޖުތިމާޢީ ހަރަކާތްތައް ހިންގުމުގެ ތެރެއިން ވުޖޫދުވެފައިވާ ރަމްޒީ ހަރަކާތެކެވެ. މި ހަރަކާތުން އިސްނަގައިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އައިކްލަބު ވަންޑޭ ކަޕްގެ މިއަހަރުގެ މުބާރާތް ވަނީ ދާދިފަހުން ވަރަށް ފޯރިއާއެކު ނިންމާލާފަ އެވެ. އަދި މާލޭގައި ދިރިއުޅޭ އިހަވަންދޫ ރައްޔިތުންނަށް ބޮޑު ރޯދަ ވީއްލުމެއް ވެސް މި ރޯދަ މަހު އެ ކްލަބުން ބާއްވާފައިވެ އެވެ.
“އައިކްލަބަކީ އިހަވަންދޫގެ އިޖްތިމާއީ އަދި އިޤްތިސާދީ ކުރިއެރުމަށް ވިސްނާ ފިކުރުކޮށް، އިހަވަންދޫގެ ރައްޔިތުންނަށް އަބުރުވެރި އުފާވެރި ދިރިއުޅުމެއް ލިބޭނެފަދަ މަގުތަކެއް ފަހިކޮށްދިނުމަށް ކުރެވޭނެ މަސައްކަތްތައް ރާވާ ހިންގުމަށް އަޒުމު ކަނޑައަޅައިގެން ތިބި އަދި އިހަވަންދޫގެ އިޖްތިމާއީ ވެށި ފުރިހަމަކުރުމަށް ތައްޔާރަށް ތިބި ހީވާގި ޢިލްމީ އަދި ފަންނީ ޒުވާނުންތަކެއްގެ މައްޗަށް އެކުލެވިގެންވާ ކްލަބެއް” ކަމަށް އެ ކްލަބުގެ މެމްބަރު މަޙްމޫދު ޢަލީ އިހަވަންދޫޑޮޓްކޮމްގައި ލިޔުއްވާފައިވެ އެވެ.