ކުލަބު ޕޯލްސްޓަރގެ ޓީމަށް ގެންނަ ރަށުން ބޭރު ކުޅުން ތެރިން ޓީމާއި ގުޅިއްޖެ

ޢަބުދުﷲ ޙަމީދު

44 ވަނަ ޤައުމީ ވޮލީމުބާރާތުގެ އަންހެން ޑިވިޝަނުގެ މުބާރާތަށް ކުލަބު ޕޯލްސްޓަރގެ ޓީމަށް ރަށުން ބޭރުން ގެނައުމަށް ހަމަޖެހިފައިވާ ބައެއް ކުޅުންތެރިން އިހަވަންދުއަށް ގެނެސް ޓީމުގެ ޕުރެކްޓިސްގައި ބައިވެރިވާން ފަށައިފިއެވެ.

ޕޯލްސްޓަރގެ ޓީމަށް މިހާތަނަށް ވަނީ ރަށުންބޭރު 4 ކުޅުންތެރިން ގެނެސަފައެވެ. އެކުލަބުން ހާމަކުރި ގޮތުގައި އެކުލަބުގެ ޓީމަށް ގެނަ ރާއްޖޭން ބޭރު ކުޅުންތެރިޔާވެސް މިހާރު ރަށަށް ގެނެސް ޓީމުގެ ޕުރެކްޓިސްތަކުގައި ބައިވެރިވަމުން ދާނެއެވެ. ޕޯލްސްޓަރ އަށް ރާއްޖޭން ބޭރުން ގެނެސްފައިވަނީ  ފިންލޭންޑުގެ ވޮލީބޯޅަ ކުޅުންތެރިއެއް ކަމަށްވާ އެރިކާ ޖޮހާނާ އެންޑަރސަން އެވެ. އަދި ޖޫނިއަރ ޤައުމީ ވޮލީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ހައްވާ ޝަޚާ އާއި ޤައުމީ ޓީމުގެ ސްޕައިކަރެއް ކަމަށްވާ އައިޝަތު ނާޒިމާގެ އިތުރުން ޤައުމީ ޓީމުގެ ދެވަނަ ސެޓަރުގެ މަޤާމަށް ކުޅެމުންދާ ނަސްރާ އިބުރާހިމްވެސް ރަށަށް އައިސް ޓީމާއި ގުޅިފައިވާ ކަމަށް ކުލަބުގެ ނައިބުރައީސް ހާމަކުރެއްވިއެވެ.

3 ޑިސެމްބަރ 2012 ން 13 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ޖުމުލަ 7 ޓީމެއް ވަނީ ބައިވެރިވެފައެވެ. މިމުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ޕޮލިސް ކުލަބާއި ހދ. ނޮޅިވަރަމް ހުވާސް ކުލަބެވެ.