ހއ އަތޮޅު ކައުންސިލްގެ އިހްތިސާސްގައި ހުވަހަންދޫ ހިމަނައިދިނުމަށް ރައީސް އަރިހުގައި ދެންނެވުމަށް ފާސްކޮށްފި

މުޙައްމަދު އަކުރަމް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިހްތިސާސްތެރޭ ހއ. ހުވަހަންދޫ ހިމަނައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިހުގައި ދެންނެވުމަށް ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ އިއްޔަ ބޭއްވި، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގެ 118 ވަނަ އާއްމު ބައްދަލުވުމުގެ އަޣްލަބިއްޔަތުން ފާސްކޮށްގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލަ އެޖެންޑާ ކޮށްފައިވަނީ ރިޔާސަތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައެވެ. އަދި އެގޮތަށް ފާސްކުރުމާ ދެކޮޅަށް ވޯޓް ދީފައިވަނީ އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހް އަދި ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދުއެވެ.

ހުވަހަންދޫއަކީ ހޯރަފުށީ ފަޅުތެރޭ އޮންނަ އެންމެ ބޮޑު ފަޅު ރަށެވެ. ބޮޑު މިނުގައި 48.5 ހެކްޓަރު ހުންނަ ހުވަހަންދޫއަކީ ކުރިން މީހުން އުޅުނު ރަށެކެވެ. އެރަށުގައި މިސްކިތެއްގެ ތަރާގަނޑުކަމަށް ލަފާކުރެވޭ ތަނެއް ހުރެއެވެ. އެރަށުން ފޭބިމީހުން ވަޒަންވެރިވީ ހޯރަފުށިގައި ކަމަށްވެއެވެ. ބުނެވޭ ގޮތުގައި ހުވަހަންދޫގެ މީހުން ހޯރަފުށްޓަށް ބަދަލުވާންޖެހުނު ސަބަބަކީ ހުވަހަންދޫގައި މިނި ރޯނުވެ، އާބާދީ ދަށްވެ، ތަފާތު ރޯގާތަކުގައި މާގިނައިން މީހުން މަރުވާން ފެށުމެވެ. މިހާރު ހިވަހަންދޫ އޮތީ އެރަށް ބެލެހެއްޓުމުގެ ނަމުގައި ބަޔަކާއި ހަވާލުކޮށްފައެވެ.

ހުވަހަންދޫގައި 2000 ހުގެ ކުރީކޮޅު މަސްގަންނަ ފެކްޓަރީއެއް ޕްރައިވެޓް ކުންފުންޏަކުން ހިންގިއެވެ. ނަމަވެސް ހިންގުން ދޯދިޔާވެ އެތަނުގެ ހިންގުން ހުއްޓުނީއެވެ.

ހުވަހަންދޫ ހއ އަތޮޅު ކައުންސިލްގެ އިހްތިސާސްގައި ހިމަނައިދިނުމަށް، ރައީސް އަރިހުގައި ދެންނެވުމަށް ފާސްކޮށްފިމިވަނީ ރަށްރަށުގެ އިހްތިސާސްތެރެއަށް ރަށްރަށާއި ފަޅުތައް އިތުރުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ހއ. ތުރާކުނާ ޖެހިގެން އޮންނަ ވަނގާރަކީ ތުރާކުނު ބައެއްގެ ގޮތުގައިވެސްވަނީ ކަނޑައަޅާފައެވެ.

ޚިޔާލު ފައުޅުކުރުން

ީިިިިޔޔހހ