4 ޓީމާއެކު ޕޯލްސްޓަރގެ ވޮލީބޯޅަ މުބާރާތް ފަށައިފި

ޢަބުދުﷲ ޙަމީދު

ކުލަބް ޕޯލްސްޓަރ އިން އިންތިޒާމް ކުރާ އެރިސްޑެކަރ އަންހެނުންގެ ވޮލީބޯޅަ މުބާރާތުގެ ކުޅުން ފަށައިފިއެވެ.

މިމުބާރާތުގެ ކުޅުން ކުރިއަށް ގެންދަނީ އިހަވަންދޫ ހުރަވީ ފުޓުބޯޅަ ދަނޑުގައި ހަދާފައިވާ ވޮލީ ކޯޓުގައެވެ. އިހަވަންދޫގެ އެންމެހާ ޒުވާނުންނަށާއި، އިހަވަންދޫ ފިޔަވައި ހއ. އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއި، ހއ. އަތޮޅުގައި ހުރި ހިލޭ ސާބަހަށް މަސައްކަތްކުރާ ކުލަބު ޖަމާޢަތްތަކާއި ކުންފުނިތަކާއި ރިސޯޓު ތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ޖުމުލަ 4 ޓީމެއް ބައިވެރިވެފައިވެއެވެ. އެއީ އެންވީކޭ، ގަބީލާ، ކޭއެމްޒެޑް އަދި ނިކަ ޓީމެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ 20:00 ގައި ބައްދަލުކޮށްފައި ވަނީ އެންވީކޭ އަދި ގަބީލާއެވެ. ސީދާ 3 ސެޓުން މިމެޗު ކާމިޔާބުކޮށްފައިވަނީ ގަބީލާ ޓީމެވެ. ރޭގެ މެޗުގެ ސެޓުތައް ގަބީލާ ޓީމުން ގެންގޮސްފައި ވަނީ 25 – 23 ، 24 – 23 އަދި 25 – 12 އިން ނެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކށް ހޮވިފައިވަނީ ގަބީލާ ޓީމުގެ މަރިޔަމް އަޒީފާ އެވެ. މިމުބާރާތުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭ 8:00 ގައި އޮންނަ މެޗުގައި ބައްދަލުކުރާނީ  ނިކަ އަދި ކޭއެމްޒެޑް އެވެ.

މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރެއެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް -/17000ރ ގެ ފައިސާގެ އިނާމާއި މިލްކުވާ ތަށި ލިބޭއިރު، މުބާރާތުގެ ރަނައަޕް ޓީމަށް -/7000ރ ގެ ފައިސާގެ އިނާމު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.