ކައުންސިލްގެ ފޭސްބުކް ޕޭޖް ހެކްކުރިފަހުން ޕޭޖަށް ބޮޑު ކުރިއެރުމެއް، ހެކަރު އާއްމުކުރާ ވީޑިއޯތަކަށް މިލިއަނެއްހާ ވިއުސް

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް ހެކްކޮށް އެހެން ފަރާތެއްގެ ބާރުގެ ދަށަށް ޕޭޖް ގެނަފަހުން، ޕޭޖަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރެވިއްޖެއެވެ. ޕޭޖް ހެކް ކުރިއިރު ޕޭޖަށް ފޮލޯ ކުރަމުންއައީ 5200 އެއްހާ މީހުންނެވެ. ނަމަވެސް މިހާރު އެއަދަދުވަނީ 6000 އަށްވުރެ މަތިވެފައެވެ. މީގެ އިތުރުން ހެކަރުން އެޕޭޖަށް އަޕްލޯޑްކުރާ ވީޑިއޯތަކަށްވެސް މިހާތަނަށްވަނީ މިލިއަނެއްހާ ވިއުސް ލިބިފައެވެ.

އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް ހެކްކުރިކަން ރައްޔިތުންގެ ސަމާލުކަމަށް ކައުންސިލުން ގެނައީ މިދިޔަ މާރިޗް މަހުގެ 30 ވަނަ ދުވަހުއެވެ. އޭގެފަހުން ހެކަރުންވަނީ 140 އަށްވުރެގިނަ ވީޑިއޯ އަޕްލޯޑް ކޮށްފައެވެ. އޭގެތެރެއިން ބައެއް ވީޑިއޯތައް ވަރަށްބޮޑަށް ވައިރަލް ވެފައިވާއިރު، ހުރިހާ ވީޑިއޯއަކަށް މިހާތަނަށްވަނީ މިލިއަނެއްހާ ވިއުސް ލިބިފައެވެ.

އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖަކީ، ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށް ދޭންޖެހޭ އެންގުންތަކާއި މައުލޫމާތު ގެނެސްދިނުމަށް ހާއްސަކޮށްފައިވާ ޕޭޖެކެވެ. އިހަވަންދޫ ކައުންސިލްގެ ޕޭޖަކީ  2015 ވަނަ އަހަރުން ފެށިގެން ހިންގާ ޕޭޖަކަށްވެފައި، އެޕޭޖަށް  ގިނަ އަދަދެއްގެ ފޮޓޮއާއި ވީޑިއޯ ޕޯސްޓްކޮށްފައި އެބަހުއްޓެވެ. އެހެންކަމުން އެޕޭޖަށް ގެއްލުމެއް ދީފިނަމަ އެތަކެތި ގެއްލުމުގެ ބިރުވެސް އެބައޮތެވެ. ހެކްކުރުމުގެ ކުރިން އެޕޭޖަށް އަޕްލޯޑް ކޮށްފައިހުރި ކޮންޓެންޓް މިހާތަނަށް ޑިލީޓް ކޮށްފައި ހުރިކަމަކަށް ނުބެލެވެއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕޭޖް ހޯދުމުގެ މަސައްކަތް ކުރިޔަށްދާކަމުގައެވެ.