Banner Image Description

44 ވަނަ އަންހެން ވޮލީ ބޯޅަ މުބާރާތުގެ މެއިން ސްޕޮންސާރކަން ދެކެދެކެވެސް ޕްރޮޑަކްޝަނުން

މުޙައްމަދު އިމްރާން

މާދަމާ ފެށިގެންދާ 44 ވަނަ އަންހެން ވޮލީ ބޯޅަ މުބާރާތުގެ މެއިންސްޕޮންސާކަން، ނަގާފައިވަނީ ދެކެދެކެވެސް ޕޮރޮޑަކްޝަންގެ ފަރާތުންކަމަށް، 44 ވަނަ އަންހެން ވޮލީ މުބާރާތް އިންތިޒާމުކުރުމުގައި އިސްކޮށް ޚަރަކާތްތެރިވާ، އެއްބޭފުޅާ ކަމުގައިވާ، ކުލަބު ޕޯލްސްޓާރ (ސީޕީއެސް)ގެ މިދައުރުގެ ސެކެރެޓަރީ އަލްފާޟިލް މޫސާ ޢަބްދުލް ޙަފީޒު ހާމަކޮށްފިއެވެ.

މިފަހަރުގެ ޤައުމީ ވޮލީ މުބާރާތް އިހަވަންދޫގައި ބޭއްވޭއިރު، ޤައުމީ ވޮލީ މުބާރާތުގެ ޓައިޓަލް ސްޕޮންސާރ އާއި، މެއިން ސްޕޮންސާއާއި މުބާރާތުގެ ކޯސްޕޮންސަރުން ހޯދުމަށް ކުރިމަސައްކަތުން، އެކަމަށް ހުޅުވާލި ފުރުޞަތު މިހާރު ބަންދުވެފައިވާއިރު، ޓައިޓަލްސް ސޮޕޮންސާރ ކުރާނޭ ފަރާތެއް ލިބިފައި ނުވާކަމަށާއި، މުބާރާތުގެ މެއިންސްޕޮންސާކަމަށް، ދެކެދެކެވެސް ޕްރޮޑަކުޝައިން ހުށަހެޅިކަމަށްވެސް މޫސަ ހާމަކޮށްފައިވެއެވެ.

ކުލަބް ޕޯލްސްޓާރއިން މުބާރާތް އިންތިޒާމުކުރުމުގައި ބޮޑު ހޭދައެއް ކުރަމުންދާއިރު، މުބާރާތުގެ ސްޕޮންސަރުންނަކީ، ވަރަށް މުޙިއްމުބައެއްކަމަށާއި، އަދި މުބާރާތުގެ ކޯސްޕޮންސަރުކަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު އޮތްކަމަށް ކުލަބު ޕޯލްސްޓާރގެ މިދައުރުގެ ނައިބްރައީސް އަލްފާޟިލް މުޙައްމަދު ސުޖާއު މަޢުލޫމާތު ދެއްވިއެވެ.

ލަފާކުރެވޭ ގޮތުގައި، މިއަހަރުގެ މިމުބާރާތް އިހަވަންދޫގައި ބޭއްވޭ އިރު، މިމުބާރާތަށް ޓައިޓަލްސް ސްޕޮންސަރު ލިބުމުގައި ދަތިތަކާއި، ކުރިމަތިވެފާވަނީ، ކުންފުނިތަކާއި، ވިޔަފާރި މުޥައްސަސާ ތަކުގެ އަހަރީ ބަޖެޓަށް، އެޑްވަރޓައިސްމެންޓަޝާއި ސްޕޮންސާރޝިޕަށް ކަނޑައަޅާފައިވާބައި މިއަހަރުގެ ފަހުކޮޅަށް ވުމާއެކު ހުސްވެފާވާތީކަމުގައި ބެލެވޭކަމަށް އިންތިޒާމްކުރާ ފަރާތްތަކުން ހާމަކުރެއެވެ.

މިފަހަރުގެ މިމުބާރާތް އިހަވަންދޫގައި ކުރިއަށް މިގެންދެވެނީ، އެސޯސިއޭޝަނުން ހުޅުވާލި ފުރުސަތެއްގައި، އިހަވަންދޫ ކުލަބް ޕޯލްސްޓާރ އިން ޕްރޮޕޯސަލް ހުށައަޅައި އެކަން ކާމިޔާބު ކޮށްގެން ކަމަށާއި، ނަމަވެސް މިމުބާރާތުގެ އެންމެހާ ކަންތައްތައް އިންތިޒާމުކުރުމާއި އެހެނިހެން ކަންތައްތަކުގައި، ކުލަބު ޕޯލްސްޓާރގެ މެމްބަރުންގެ އިތުރުން، ކުލަބްޕޯލްސްޓާރއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކާއި، އިހަވަންދޫގެ އެންމެހާ ރައްޔިތުންގެ ފަރާތުން ލިބެމުންދާކަން ޝުކުރުވެރިކަމާއެކުގައި ކުލަބް ޕޯލްސްޓާރއިން ފާހަގަ ކުރާކަމަށް ކުލަބްޕޯލްސްޓާރގެ މިދައުރުގެ ނައިބްރައީސް އަލްފާޟިލް މުޙައްމަދު ސުޖާއާއި، ސެކެރެޓަރީ އަލްފާޟިލް މޫސާ ޢަބްދުލް ޙަފީޒާއި ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

މިމުބާރާތު ގުރުއަތުލުން މިހާރު ނިމިފައިވާއިރު މިމުބާރާތުގެ ޝެޑިޔުލް އިހަވަންދޫ.ކޮމް އިން ޑައުންލޯޑް ކުރެވޭނެއެވެ.