އެޗްއާރްއެފް ވޮލީ ލީގު: އިމަގުން ފަހަތުންއަރާ ޓީމް ހިޔާ ބަލިކޮށްފި

.

އެޗްއާރްއެފް ވޮލީ ލީގުގައި އިމަގު ޖަމިއްޔާއިން ކުޅުނު 3 ވަނަ މެޗްގައި ޓީމް ހިޔާ ބަލިކޮށްފިއެވެ. މިމެޗުން އިމަގު މޮޅުވީ، މެޗްގެ ފުރަތަމަ ސެޓް ޓީމް ހިޔާ ގެންގޮސްފައި ވަނިކޮށް ފަހަތުންއަރާ 3 ސެޓް ހޯދައިގެންނެވެ.

ރޭ ހޯރަފުށި އައުޓްޑޯ ވޮލީ ކޯޓުގައި ކުޅުނު މިމެޗްގެ ފުރަތަމަ ސެޓް ޓީމް ހިޔާއިން ގެންދިޔައީ 25-22 އިންނެވެ. ޖެހިގެން އައި 3 ސެޓުން އިމަގު މޮޅުވީ 25-18، 25-22 އަދި 25-23 އިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިމަގު ޓީމްގެ ޖާޒީ ނަންބަރު 6، ހުސައިން ޝާހިދުއެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި އިމަގަށް ބާކީ ދެމެޗް އެބައޮތެވެ. މިއަދު ހަވީރު ޓީމް ކެލަޔާ ދެކޮޅަށް ނުކުންނައިރު، ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި މިމަހުގެ 3 ވަނަ ދުވަހު އިމަގު ނުކުންނާނީ ހޯރަފުށި ޕޮލިހާ ދެކޮޅަށެވެ. އިމަގުން މިހާތަނަށް މިމުބާރާތުގައި 3 މެޗް ކުޅެފައިވާއިރު، 2 މެޗުން ވަނީ މޮޅުވެފައެވެ.

ޖުމަލަ 6 ޓީމް ވާދަކުރާ މިމުބާރާތުގެ ގްރޫޕް ސްޓޭޖުން އެންމެގިނަ ޕޮއިންޓްހޯދާ ޓީމެއް ސީދާ ފައިނަލަށް ދަތުރުކުރާއިރު، ގްރޫޕް ސްޓޭޖުން 2 އަދި 3 ވަނަ ހޯދާ ދެ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.

އެޗްއާރްއެފް ވޮލީ ލީގަކީ ވޮލީ ބޯޅާގައި ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަގުސަދުގައި ހޯރަފުށީ ކައުންސިލުން އިންތިޒާމު ކޮށްގެން މިއަހަރު މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ހއ. އަތޮޅަށް  ހުޅުވާލައިގެންނެވެ. މިފަހަރުގެ މުބާރާތުގައި އިހަވަންދޫ އިމަގު އަދި  ކެލާ ކައުންސިލްގެ އިތުރުން, ހޯރަފުށީ ކްލަބްތައް ކަމުގައިވާ ޓީމް ހިޔާ, އެފްސީ ފްރިގޭޓަރ، ގަޑި ސްޕޯޓްސް އަދި  ޕޮލިސް ކްލަބް ވަނީ ބައިވެރިވެފައެވެ.