45 ވަނަ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް އަންނަ އަހަރުބާއްވާނީ މާލޭގައި

މުޙައްމަދު އިމްރާން

45 ވަނަ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް އަންނަ އަހަރުބާއްވާނީ މާލޭގައި ކަމަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ނައިބްރައީސް އިލްޔާސް އަޙްމަދު އިޢުލާނު ކޮށްދެއްވާފިއެވެ. 44 ވަނަ އަންހެން ވޮލީބޯޅަ މުބާރާތް ހުޅުވާދެއްވުމަށް، ރޭ އިހަވަންދޫ ހުރަވީ ދަނޑުގައި ބޭއްވި ޙާއްޞަ ރަސްމިއްޔާތުގައި، މިކަން އިޢުލާނުކޮށްދެއްވަމުން ނައިބްރައީސް ވިދާޅުވީ، ކޮންމެ އަހަރަކުވެސް ވޮލީ މުބާރާތް ހުޅުވައިދެއްވާ ރަސްމިއްޔާތުގައި ދެން އަންނަ އަހަރު ވޮލީ މުބާރާތް ބޭއްވޭނޭ ރަށެއް ނުވަތަ ތަނެއް އިޢުލާނު ކުރާކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން، ނައިބްރައީސް ވިދާޅުވީ، “ޕޯލްސްޓާރ އަށް ބުނެލަން އޮތީ މިއަހަރުގެ މިމުބާރާތް ކުރިއަށް ތިޔަ ގެންދަވަނީ ހަމަ ޤައުމީ ފެންވަރުގައި ކަމަށެވެ.”

އަންނަ އަހަރު، އިތުރު އެހެން މުބާރާތެއް ބޭއްވެވުމަށް އެސޯސިއޭޝަނުން، ވިސްނަވާ ކަމަށާއި، އެމުބާރާތް ބޭއްވޭނީ ހއ.އަތޮޅުގެ ކޮންމެވެސް ރަށެއްގައިކަމަށްވެސް ވޮލީބޯޅަ އެސޯސިއޭޝަންގެ ނައިބްރައީސް އިލްޔާސް އަޙްމަދު ވިދާޅުވިއެވެ. އަދި މީގެ އިތުރުން މިއަހަރުގެ މިމުބާރާތަށް އިހަވަންދޫއިން ވެފައިވާ ތައްޔާރީތައް ފާހަގަކޮށް، ކުލަބު ޕޯލްސްޓާރ އަށް ޝުކުރު އަދާކުރެއްވިއެވެ.