އެއް އަހަރުގެ މެދުކެނޑުމަކަށްފަހު، އިހަވަންދިއްޕޮޅު ރަސްތަރި ޤުރުއާން މުބާރާތް މިއަހަރު ބާއްވާނެކަން އިހަވަންދޫ ކައުންސިލުން އިޢުލާންކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން އިޢުލާން ކޮށްފައިވާ ގޮތުގައި މިއަހަރުގެ ރަސްތަރި މުބާރާތް އޮންނާނީ މިއަހަރުގެ ޑިސެންބަރު މަހުއެވެ. އިހަވަންދިއްޕޮޅު ރަސްތަރީގެ ފުރަތަމަ މުބާރާތް އިހަވަންދޫ ކައުންސިލުން ބޭއްވީ 2022 ވަނައަހަރުގެ ޑިސެންބަރުމަހުއެވެ.
އިހަވަންދިއްޕޮޅު ރަސްތަރީގެ ފުރަތަމަ މުބާރާތުގައި އިހަވަންދޫއާއި އެކު ޖުމުލަ 8 ރަށަކުން 63 ބައިވެރިން ބައިވެރިވިއެވެ. އެފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ އިހަވަންދޫ ކައުންސިލް، މޮޅަދޫ ކައުންސިލް، ކެލާ ކައުންސިލް، މާރަންދޫ ކައުންސިލް، އުތީމް ކައުންސިލް، ފިއްލަދޫ ކައުންސިލް، ވަށަފަރު ކައުންސިލް އަދި އުލިގަން ކައުންސިލުންނެވެ. އެމުބާރާތުގެ އެއްވަނަ ރަށަށް 10000ރ ގެފައިސާގެ އިނާމެއް އަދި ދެވަނަ ރަށަށް 7000ރ ގެފައިސާގެ އިނާމެއް ދީފައިވާއިރު، މުބާރާތުން އެއްވަނަ ބައިވެރިޔަކަށް 5000ރ، ދެވަނައަށް 3000ރ އަދި ތިންވަނަ ބައިވެރިޔާއަށް 2000ރ ގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. އިހަވަންދިއްޕޮޅު ރަސްތަރީގެ ފުރަތަމަ މުބާރާތުން އެއްވަނަ ހޯދީ ޔައިޝާ ޔާސިރު އިބްރާހިމް/ ދޭލިޔާގެ، ހއ. އިހަވަންދޫއެވެ.
މިއީ އިހަވަންދިއްޕޮޅަށް ހުޅުވައިލައިގެން ބާއްވާ ޤުރުއާން މުބާރާތެއް ނަމަވެސް މުބާރާތުގެ ވާދަވެރިކަން އިތުރުކުރުމަށްޓަކައި، ހއ އަތޮޅުގެ އެހެން ރަށްތަކަށްވެސްމުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ފޮނުވިއެވެ. މިމުބާރާތުގައި ކޮންމެ ރަށެއްވެސް ތަމްސީލްކުރެވޭނީ ވަކިއަދަދެއްގެ ބައިވެރިންނަށެވެ.