13 ގޯލުން ބަލިވުމުން ގަތް ލަދަކީ ކާމިޔާބަށް ކޮށުނު މަގު : ޖުވޭދު

ލުޤުމާން އަޙްމަދު

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އިމަގު ޣާޒީ ކަޕްގައި، ޖަންގަލް ޓީމުން 13-1 އިން އެފްސީ ބޮޑުމަގު ބަލިކޮށް ލަދުގަންނަވާލުމަކީ ބޮޑުމަގު ޓީމަށް ކާމިޔާބަށް ކޮށުނު މަގު ކަމަށް ބޮޑުމަގު ޓީމްގެ އެއްފައުންޑަރު ކަމަށްވާ އަލީ ޖުވޭދު ބުނެފިއެވެ.

ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލް މެޗްގެ ކުރިން، މިނުހާ ވާހަކަދައްކަމުން ޖުވޭދު ބުނީ، އެމެޗުން 13 ގޯލުން ބަލިވުމުން، ސަޕޯޓަރުންގެ ފަރާތުން ވަރަށްބޮޑަށް ނުތަނަވަސްކަން ހިއްސާކުރިކަމުގައެވެ. “އެހިސާބުން އަޅުގަނޑުމެން ނިންމައިފިން، ޓީމްގެ ސްޓެރެޓެޖީ ބަދަލުކުރަން. ނަމެއްގަ މުބާރާތްތަކުގަ ބައިވެރިނުވަން” ޖުވޭދު ބުންޏެވެ. ޖުވޭދުބުނީ ދެންއެޓީމުން ނަމެއްގައި މުބާރާތްތަކުގަ ބައިވެރިނުވާނެ ކަމުގައެވެ. “ޓީމުގެ ނަން ބާއްވާށޭކިޔާފަ ދެން މުބާރާތެއްގަ ބައިވެރިއެއްނުވާނަން. ތައްޓަށް އަމާޒުކޮށް ދެން ޓީމް ހަދާނީ. ހަރަދުވެސް ކޮށްގެން” ޖުވޭދު ބުންޏެވެ.

ބޮޑުމަގު އުފަންވީ 2013 ވަނަ އަހަރުގެ މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބޮޑުމަގުގެ ނަމުގައި އެޓީމް ނުކުތް ހިސާބުންނެވެ. އޭގެފަހުން އިހަވަންދޫގައި ބޭއްވި ގިނަ މުބާރާތްތަކުގައި އެޓީމް ބައިވެރިވި ނަމަވެސް އިހަވަންދޫގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ޗެމްޕިއަންކަން އެޓީމަށް ހޯދުނީ އަލަށެވެ. ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގެ ޗެމްޕިއަންކަން ހޯދުމާއިއެކު އެޓީމުން އަނަނީ ވަރަށްބޮޑަށް އެކަމުގެ އުފާ ފާޅުކުރަމުންނެވެ.

ޖުވޭދުބުނީ އެޓީމަށް ހޯދުނު ކާމިޔާބުގެ ފަހަތުގައި ތިބީ ދެގޮތެއްނުވެ އެޓީމަށް އެހީތެރިކަން ފޯރުވަމުންދާ އެޓީމްގެ ސަޕޯޓަރުންނާއި ފަރުދާގެ ކުރިމަތިންނާއި ފަހަތުން އެޓީމް މެނޭޖް ކުރަމުންދާ ހިތްވަރުގަދަ މެނޭޖްމެންޓް ޓީމް ކަމުގައެވެ.