މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫން މާރިޗް 30 ވަނަ ދުވަހު މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

އިހަވަންދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި 21 އަހަރުގެ ފިރިހެންމީހާ ދޫކޮށްލާފައިވަނީ ކޯޓަށް ގެންދިއުމަކާ ނުލައެވެ. އޮންލައިން ނޫސް ތިލަދުން އިން ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހާ ދޫކޮށްލާފައި ވަނީ ބަންދުގައި ބެހެއްޓޭނެ މިންވަރަށް ހެކި ލިބިފަ ނުވާތީ އެވެ.

މިމީހާ އަކީ މިގެ ކުރިންވެސް އެއްފަހަރު އިހަވަންދޫއަށް އައިސް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ހަރަކާތްތެރިވެފައިވާ މީހެއްކަން މިނޫހަށް ލިބުނު މައުލޫމާތު ތަކުން ވަނީ އެނގިފައެވެ.