ރަފަޙުގެ އުދުވާނު ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އިޒްރޭލަށް އަމުރުކޮށްފި

މުޙައްމަދު އަކުރަމް

އިޒްރޭލުން ޣައްޒާގެ ރަފަޙްގައި ހިންގާ އަސްކަރީ އުދުވާނު ވަގުތުން ހުއްޓާލުމަށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް އަމުރުކޮށްފިއެވެ.

އައިސީޖޭ އިން  މި އަމުރު ނެރުނީ އެކޯޓުން ޖެނުއަރީމަހު ނެރުނު ވަގުތީ އަމުރު މުރާޖާއަ ކޮށްދިނުމަށް، ދެކުނު އެފްރިކާއިން އެ ކޯޓަށް ހުށަހެޅި ކުއްލި މައްސަލަ ބެލުމަށްފަހުއެވެ. އައިސީޖޭ އިން މިއަދު ނެރުނު އަމުރުގައި އިޒްރޭލުގެ އުދުވާން ވަގުތުން ހުއްޓާލުމަށް އަމުރު ކުރުމުގެ އިތުރުން، ރަފަޙްގެ އިންސާނީ ހާލަތުއޮތީ ކާރިޘާއެއްގެ ހާލަތުގައި ކަމަށާއި، އެހެންކަމުން، ރަފަޙް ބޯޑަރު ހުޅުވުމަށްވެސް އަމުރު ކޮށްފައިވެއެވެ. މީގެއިތުރުން އެކޯޓަށް ހުށަހަޅާފައިވާ ނަސްލުނައްތާލުމުގެ ޖަރީމާތަކުގެ ތުހުމަތުތައް ތަހްގީގުކުރަން އދ ގެ ޓީމުތައް ޣައްޒާއަށް ވަނުމުގެ ފުރުސަތު ދިނުމަށްވެސް އިސްރާއީލުގެ މައްޗަށް އައިސީޖޭއިން އަމުރުކޮށްފައިވެއެވެ. މިއަދު އަމުރު އެކޯޓުން ނެރުނީ އެކޯޓްގެ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރުންގެ ވޯޓާއި އެކުއެވެ. ދެކޮޅަށް ވޯޓް ދެއްވީ 2 މެމްބަރުންނެވެ.

އައިސީޖޭގެ ނިންމުންތަކަށް އަމަލުކުރުން މެންބަރު ގައުމުތަކަށް ލާޒިމެވެ. އެކަމަކު އަމުރުތައް ތަންފީޒުކުރުމުގައި ކޯޓަށް މާ ބޮޑު ބާރެއް ނޯވެ އެވެ. ގިނަ ގައުމުތަކުން ކޯޓުގެ އަމުރުތައް ބޮލައިލައި ޖަހަނީ އެވެ. ރަޝިއާ އިން ޔުކްރެއިންނަށް ހަމަލާ ދޭން ފެށުމުން ވެސް އެކަން ހުއްޓާލަން ކޯޓުން އަމުރުކުރި އެވެ. އެކަމަކު ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ.