އެޗްއާރްއެފް ވޮލީ ލީގުގައި ބައިވެރިވީ 4 ޓީމް، ޕޯލްސްޓަރގެ ފުރަތަމަ މެޗް މާދަމާރޭ

މުޙައްމަދު އަކުރަމް

ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ އެޗްއާރްއެފް ވޮލީ ލީގު އަންހެން ބައިގައި، ހަތަރު ޓީމެއް ބައިވެރިވެއްޖެއެވެ. އެއީ އެފްސީ ފުރިގޭޓަރ، ދަންމަރު ޔުނައިޓެޑް، ޓީމް މޮޅަދޫ އަދި ކްލަބް ޕޯލްސްޓަރއެވެ.

މިމަހުގެ 21 ހުން 26 އާއި ހަމަޔަށް ކުރިޔަށްދާ މިމުބާރާތުގައި ޕޯލްސްޓާގެ ފުރަތަމަ މެޗްގައި މާދަމާރޭ 22:15 ގައި ނުކުންނާނީ ޓީމް މޮޅަދޫއާ ދެކޮޅަށެވެ. އެޓީމްގެ ދެވަނަ މެޗްގައި 22 ވަނަ ދުވަހުގެރޭ 20:30 ގައި ދަންމަރު ޔުނައިޓެޑާއި ދެކޮޅަށް ނުކުންނައިރު ގްރޫޕް ސެޓޭޖްގެ ފަހު މެޗްގައި 23 ވަނަ ދުވަހުގެރޭ 20:30 ގައި އެޓީމް ނުކުންނާނީ އެފްސީ ފްރިގޭޓަރ އާއި ދެކޮޅަށެވެ.

ލީގް އުސޫލުން ފުރަތަމަބުރު ކުޅެ އެންމެގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުން ޖާގައެއް ކަށަވަރު ކުރެވޭއިރު، ދެވަނަ އަދި 3 ވަނައަށް ދާޓީމް ސެމީފައިނަލަށް ދަތުރުކުރާނެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

އެޗްއާރްއެފް ވޮލީ ލީގަކީ ވޮލީ ބޯޅާގައި ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަގުސަދުގައި ކުރިޔަށްގެންދާ މުބާރާތެކެވެ. އެޗްއާރްއެފް ވޮލީ ލީގުގެ ފިރިހެންބައި މިއަހަރުގެ މެއިމަހު ހޯރަފުށީ ކައުންސިލުންވަނީ ކުރިޔަށް ގެންގޮސްފައެވެ. ފިރިހެން ބައިގެ ޗެމްޕިއަންޓީމަކީ ހޯރަފުށީ ޕޮލިސް ޓީމެވެ. ފިރިހެންބައިގައި އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ބައިވެރިވިއެވެ. ނަމަވެސް ސެމީފައިނަލްގައި ފުރިގޭޓަރ އަތުން ބަލިވެ އިމަގަށް މުބާރާތް ނިމުނީއެވެ.