އެޗްއާރްއެފް ވޮލީ ލީގުގައި ސީދާ 3 ސެޓުން ދަންމަރު ޔުނައިޓެޑް ބަލިކޮށް ސެމީފައިނަލްގެ ޖާގައެއް ކްލަބް ޕޯލްސްޓަރއިން ކަށަވަރުކޮށްފިއެވެ. ބާކީ އެއް މެޗް އޮށްވައި ކްލަބް ޕޯލްސްޓަރ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު، މިރޭ އެޓީމް ގްރޫޕް ސެޓޭޖްގެ ފަހު މެޗްގައި ނުކުންނާނީ އެފްސީ ފްރިގޭޓަރ އާއި ދެކޮޅަށެވެ. މިރޭގެ މެޗުން މަދުވެގެން އެއް ސެޓް ކާމިޔާބުކޮށްފިނަމަ، ލީގް ބުރުގެ އެއްވަނަ ޓީމްގެ ގޮތުގައި މިމުބާރާތުގެ ފައިނަލުން ޕޯލްސްޓަރ އަށް ޖާގައެއް ކަށަވަރުވާނެއެވެ.
ރޭގެ މެޗުން ޕޯލްސްޓަރ މޮޅުވީ 25-22، 25-19 އަދި 25-20 ގެ ނަތީޖާ އަކުންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކްލަބް ޕޯލްސްޓަރގެ ބިދޭސީ ކުޅުންތެރިޔާ ޖާޒީ ނަންބަރު 4، ސަރަވަނަން ޝާލިނީ އެވެ.
ލީގް އުސޫލުން ފުރަތަމަބުރު ކުޅެ އެންމެގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުން ޖާގައެއް ކަށަވަރު ކުރެވޭއިރު، ދެވަނަ އަދި 3 ވަނައަށް ދާޓީމް ސެމީފައިނަލަށް ދަތުރުކުރާނެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އެޗްއާރްއެފް ވޮލީ ލީގަކީ ވޮލީ ބޯޅާގައި ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަގުސަދުގައި ކުރިޔަށްގެންދާ މުބާރާތެކެވެ.