ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ބަލިވެގެން ސިއްޙީމަރުކަޒަށް ދާއިރަށް ޖިސްމާނީގޮތުން، ނަފުސާނީގޮތުން އާއިލާގެ އެންމެހާ ބޭފުޅުން ބަލިވާކަމަށް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ. ނަސީރު މިހެން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 5 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 29/2015 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ޙުސައިން އިމްރާން ލަޠީފް ހުށަހަޅުއްވާފައިވާ ބިލަށް ތާއީދު ކުރައްވާކަން ހާމަކުރައްވަމުން ނަސީރު ވިދާޅުވީ، ސިއްޙިނިޒާމަށް ބޮޑެތި ބަދަލެއް ގެންނަން އެބަޖެހޭ ކަމުގައެވެ. “ޙާއްސަކޮށް ރަށްފުށުގެ ސިއްޙީނިޒާމް ވަރަށް ބޮޑަށް ބަލިކަށިވެ ރައްޔިތުން މާޔޫސްވެފައި ވަނީ. ސިއްޙީނިޒާމް ޑިޒައިންކޮށްފައިވާ ގޮތުން އަޅުގަނޑަށް ފާހަގަވަނީ ތަނަވަސްކަން ލިބިފައިވާ ބޭފުޅުންނަށް މޮޅު ސިއްޙީނިޒާމެއް އޮތްކަން. އާދައިގެ ރައްޔިތު މީހާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް އުނދަގޫ މަރުޙަލާތަކެއް ކުރިމަތިލާކަން އަޅުގަނޑަށް ފާހަގަވަނީ” ނަސީރުގެ ވިދާޅުވިއެވެ. ” ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ބަލިވެގެން ސިއްޙީމަރުކަޒަށް ދާއިރަށް ޖިސްމާނީގޮތުން، ނަފުސާނީގޮތުން އާއިލާގެ އެންމެހާ ބޭފުޅުން ބަލިވޭ. ޑޮކްޓަރަށް ދައްކައިލީމަ ބުނަނީ ހާޓްއެޓޭކެއް ޖެހިއްޖޭ. ކައިރީ ތިބި އެންމެން ހަމަ އެހިސާބުން ޖިސްމާނީގޮތުން، ނަފުސާނީގޮތުން އެބަލިވީ. ކުއްލިއަކަށް ފުރައިގެންދާން މި ޖެހެނީ ދިއްދޫއަށް ނޫނީ ކުޅުދުއްފުށްޓަށް. ޑޮކްޓަރު ހުރީ ކުޅުދުއްފުށީގައި. ބަލިމީހާ ދާންޖެހުނީ ދިއްދޫއަށް. މިނިޒާމު ތެރެއިން އަޅުގަނޑުމެން އަބަޖެހޭ މި ނޫން ގޮތެއް ރައްޔިތުންނަށް ހޯދައިދޭން” ނަސީރުގެ ވާހަކަތަފްސީލް ކޮށްދެއްވިއެވެ.
ނަސީރު ވިދާޅުވީ ސިއްޙީނިޒާމް ހަރުދަނާކޮށް ރަނގަޅުކުރުމަށް ޓަކައި އާސަންދަ އަދި އެންސްޕާ އަލުން ދިރާސާކޮށް މުރާޖާކުރަން ޖެހޭކަމުގައެވެ. ސިއްޙީނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްގެން ހޮލިޑޭ ހަދާލަން އަވަށްޓެރި ޤައުމުތަކަށް ދާމަންޒަރު މިއަދުވެސް ފެންނަކަމަށް ނަސީރު ވިދާޅުވިއެވެ.