Banner Image Description

އިހަވަންދޫގައި ޤާއިމްކުރާ ބިޒްނަސް ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫގައި ގާއިމްކުރާ ބިޒްނަސް ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް އިން 4 އޭޕްރީލް 2021 ގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޯޕަރޭޝަން އިން ހއ އިހަވަންދޫގައި ހުޅުވުމަށް މަސައްކަތްކުރަމުންދާ ބިޒްނަސް ސެންޓަރަށް ސީނިއަރ ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރަކާއި، ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރެއް ހޯދުމަށް އިޢުލާންކުރާކަމުގައެވެ.

ފެނަކަ އިހަވަންދޫބުރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއުވަނީ އިހަވަންދުގައި ބިޒްނަސް ސެންޓަރެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އިހަވަންދޫގައި ހުޅުވުމަށް ނިންމާފައިވާ ބިޒްނަސް ސެންޓަރު ހުޅުވުމަށް އިމާރާތެއް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން(ބީސީސީ) އާއި ހަވާލުކޮށްފައިވާކަމަށާއި އިމާރާތާއި ބެހޭ އެއްބަސްވުމުގައި ދެފަރާތުން ސޮއެކޮށްފައިވާކަމުގައެވެ. އިހަވަންދޫގައި ބިޒްނަސް ސެންޓަރު ހުޅުވުމަށް ހަމަޖެހިފައިވަނީ އިމަގު ވެއްސާއި އިންވެގެން ހުޅަނގަށްހުރި އިމާރާތުގައެވެ. މުހައްމަދު ރަޝިދު އިތުރަށް ވިދާޅުވީ އިހަވަންދޫ ބިޒްނަސް ސެންޓަރު ހުޅުވި ހިދުމަތްދޭންފެށުމުން އިހަވަންދޫ އަދި އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށްވެސް އެތަކެއް ލުއިފަސޭހަތަކެއް ލިބިގެން ދާނެކަމުގައެވެ. އެގޮތުން ވިޔަފާރީގެ ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމާއި އެފަދަ ފުރުސަތުތައް ފަހިކޮށްދިނުމާއި، ޖީއެސްޓީ ބަޔާންހެދުން ފަދަ ކަންކަމުގައި އެހީތެރިވެދިނުމާއި، އެސްޑީއެފްސީއިން ލޯނަށް އެދިހުށަހެޅުމުގައި ލަފާދިނުމާއި، ކޮންސަލްޓެންސީގެ ހިދުމަތުގެ އިތުރުން ލޯކަލް ޕްރަޑަކްޓްތައް މާކެޓްކުރުންފަދަ ހިދުމަތްތައް ލިބިގެން ދާނެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން(ބީސީސީ) އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އިސްނެންގެވުމުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެކުލަވާލެވޭ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި އުފައްދާފައިވާ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މައިގަނޑު މަޤްސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ އެކިއެކި ފުރުސަތުތަކާއި ޚިދުމަތްތައް ފޯރުކޮށްދީ ކުދި ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމަށް މަސައްކަތްކުރުމެވެ.